ގޯތި އޮވެ، މާލީ ތަަނަވަސްކަން ނެތުމުގެ ސަބަބުން ގެ ނޭޅި ތިބި މީހުންނަށް، ސަރުކާރުގެ ޚަރަދުގައި ގެ އަޅައިދިނުމަށް ފަހު ދިގު މުއްދަތުން އެ ފައިސާ ދެއްކޭނެ އުސޫލެއް ހަމަޖައްސައިދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓް އަލްހާން ފަހުމީ ގޮވާލައްވައިފި އެވެ.
"އިސްކުރާނީ ރައްޔިތުންނާއި ގައުމު"ގެ ޝިއާރުގެ ދަށުން ރައްޔިތުންގެ މަޖިލިސްގެ ކެމްޕޭން ހަރަކާތްތައް ކުރިޔަށް ގެންދަވާ އަލްހާން މި ކަމަށް ގޮވައިލެއްވީ އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.
އަލްހާންގެ ޓުވީޓުގައި ވިދާޅުވެފައި ވަނީ މި އުސޫލުގެ ދަށުން ރައްޔިތުންނަށް ގެދޮރުއެޅޭނެ ނިޒާމު ތައާރަފުކުރުމަކީ، ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ދައުލަތުން އެކަށައަޅާ ސިޔާސަތުގެ ތެރޭގައި ހިމެނެން ޖެހޭ ކަމެއް ކަމަށެވެ.
އަލްހާން މިހެން ވިދާޅުވި އިރު، ގޯތި އޮތް ނަމަވެސް ގެދޮރު އެޅޭނެ ތަނަވަސްކަމެއް ނެތް އެތައް ހާސް ރައްޔިތުންނެއް ރާއްޖޭގައި އެބަ ތިއްބެވެ. ބޭންކުތަކުން ގެ އަޅަން ދޭ ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ވަރަށް ބޮޑެވެ. އަދި ރަނގަޅު ފެންވަރަކަށް ގެއެއް އަޅަން ބޭނުން ނަމަ، އިތުރު ރަހުނެއް ނުބަހައްޓައި ލޯނެއް ލިބޭނެ ގޮތެއް ނޯވެ އެވެ. މިފަދަ އެތައް ސަބަބުތަކަކަށް ޓަކައި، ދިރިއުޅެން ދޫކުރާ ގޯތި ވެސް އެ ގޯތި ލިބޭ މީހާގެ ދަރީން ބޮޑެތިވާ އިރުވެސް އޮންނަނީ ނުހެދި އެވެ. އެހެން ކަމުން ފަސޭހަ ކަމާއެކު ގެދޮރު އެޅޭނެ ނިޒާމެއްގެ މުހިންމުކަން ވަނީ ބޮޑުވެފަ އެވެ.
އަލްހާން ފަހުމީ ވަނީ ކުރީން ރައްޔިތުންގެ މަޖިލީހުގެ އައްޑު އަތޮޅު ފޭދޫ ދާއިރާގެ މެންބަރުކަން ކުރައްވައިފަ އެވެ. އަދި އޭނާ ވަނީ ކުރީން އެމްޑީޕީގެ ނައިބު ރައީސްކަން ވެސް ކުރައްވައިފަ އެވެ.