އެމްޓީސީސީ ޓަވަރުގައި ހުންނަ އެމްޓީސީސީ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.
ފުލުހުންނަށް މިކަން ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 8:18 ހާއިރުއެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު "ވަން އޮންލައިން" އަށް ވިދާޅުވީ، ވައްކަމުގެ ހާދިސާ އެތަނުގެ ސީސީޓީވީއަށް އަރާފައިވާ ކަމަށެވެ.
އަދި ސީސީޓީވީ ފްޓޭޖުން ފެންނަ ގޮތުގައި ރޭ 3:40 ހުގައި ވައްކަން ކުރިއިރު އެމީހުން ތިބީ މޫނު ނިވާކޮށްގެން، އަންގި ލައްވައިގެން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވައްކަން ކޮށްފައިވަނީ، އެ ބިލްޑިންގެ ފަސްވަނަ ފަންގިފިލާގައިހުރި ފައިނޭންސް ޑީޕާޓްމަންޓުގެ ދޮރެއް ހަލާކުކޮށްލައިގެން ކަމަށާއި ވަގުން އެތަނަށް އަރާފައިވަނީ ޖެހިގެންހުރި، ހަދަމުންދާ އިމާރާތަކުން ކަމަށެވެ.
ޝާހު އިތުރަށް ވިދާޅުވީ، ގާތްގަނޑަކަށް 80،000 އެއްހާ ރުފިޔާ ވައްކަންކުރި މީހުން ވަގަށް ގެންދިޔަކަމަށް ބެލެވޭ ކަމަށާއި އެއީ އިއްޔެގެ އިންޝުއަރެންސް، އަދި ޕޭޓީ ކޭޝްގެ ފައިސާ ކަމަށެވެ.
މީގެ އިތުރުން އެތަނުގެ ޗީފް ފައިނޭޝަލް އޮފިސަރުގެ ލެޕްޓޮޕްވެސް ވަރަށްގެންގޮސްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.