ރޭ ޑިންގީއެއް ބަންޑުންޖަހާލައިގެން ހިނގި ހާދިސާގައި ގެއްލުނު އަންހެންމީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން ދާ ކަމަށް އެމްއެންޑީއެފް އިންބުނެފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ 19 އަހަރުގެ ޝިމާ ނާފިޒް އެވެ.
ގދ.ފިޔޯރީއަށް ނިސްބަތްވާ މި އަންހެންމީހާ ދިރިއުޅެނީ ލ. މާމެންދޫގައެވެ.
ރޭ ލ. ފޮނަދޫން އެ އަތޮޅު މާމެންދޫއަށް ދަތުރުކުރި މި ޑިންގީ ބަންޑުން ޖަހާލީ ލ. ގާދޫ ކަނޑުއޮޅި އަށެވެ.
އެމްއެންޑީއެފް އިން ޝިމާ ހޯދުމުގެ މަސައްކަތް ހެލިކޮޕްޓަރުގެ އިތުރުން ހާބާރ ކްރާފްޓްސް، އަދި އެމްއެންޑީއެފްގެ އެފްއައިސީގެ އެހީތެރިކަމާއެކު އަންނަނީ ކުރަމުންނެވެ.
އެމްއެންޑީއެފްގެ ސްނޯކްލިންގް 14 ޓީމެއްގެ އިތުރުން ސިކްސްތުސެންސް ރިސޯޓު، ލ.ގަން ރިވެރީސް ގެސްޓް ހައުސް އަދި އެމްއެންޑީއެފްގެ ޑައިވަރުންވެސް އަންނަނީ ޝިމާ ހޯދުމުގެ މަސައްކަަތް ކުރަމުންނެވެ.
އެގޮތުން ޝިމާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ކަނޑުގެ އެކި ސަރަހައްދުތަކާއި، ކަނޑު އަޑީގެ އެކި ސަރަހައްދުތައް ބަލާފައިވާއިރު އަދިވެސް ޝިމާ ފެނިފައި ނުވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
ޝިމާ އިތުރުން، ފިރިހެނަކު ވެސް ރޭ ބަންޑުން ޖަހައިލި ޑީންގީގައި އިނެވެ. ނަމަވެސް އެ ފިރިހެން މީހާ ފަތާފައި ގޮސް ސިކްސްތުސެންސަސް ރިސޯޓަށް އަރައި ވަނީ އެހީތެރިކަމަށް އެދިފައެވެ.
މިހާދިސާގައި ފަތާފައި ރިސޯޓަށް އެރި ފިރިހެން މީހާއަށް ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.