އެންޓި ކޮރަޕްޝަން ކޮމިޝަން

ހަތަރު ކެންޑިޑޭޓެއްގެ ރިޝްވަތުގެ މައްސަލައެއް އޭސީސީން ބަލަން ފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ހަތަރު ކެންޑިޑޭޓެއްގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތުގެ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އޭސީސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންތިހާބާއި ގުޅިގެން އުފެއްދި އެޑުވައިޒަރީ ކޮމެޓީގެ މެންބަރު އަދި އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ހަތަރު ކެންޑިޑޭޓެއްގެ މައްސަލައެއް ހުށަހަޅާފައިވާތީ އެކަން ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.

އެގޮތުން މިހާރު އެއް މައްސަލައެއް ތަހުގީގުކޮށް ނިމިފައިވާކަމަށާއި އެމައްސަލަ ނިންމީ ގާނޫނުގައި ބުނާ ހާލަތަށް ނުފެތޭތީ ކަމަށް ވިދާޅުވިއެވެ. އަދި އަނެއް ތިން މައްސަލަ މިހާރު ބަލަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މުއައްވިޒު ވިދާޅުވީ އިންތިހާބާ ދިމާކޮށް ބައެއް ކެންޑިޑޭޓުން ކުރިމަތިލާ ދާއިރާތަކަށް ވަކި ކަމެއް ކޮށްދިނުމަށް އެދެމުންދާކަމަށާއި އެއީ ގާނޫނުގައި ކުށެއް ކަމަށް ބުނާ ބައެއް ކަންތައްތަކަށް ފުށުއަރާ ކަމަކަށް ވެދާނެ ކަމަށެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން އީސީގެ މެންބަރު އިސްމާއީލު ހަބީބު ވިދާޅުވީ ކެންޑިޑޭޓަކަށްވުމަށް އިއުލާނު ކުރާ ދުވަހުން ފެށިގެން، އިންތިހާބު ވެއްޖެނަމަ ވަކި ކަމެއް ކޮށްދޭނެ ކަމަށް ބުނުމަކީ ރިޝްވަތުގެ އަމަލެއް ކަމަށް ބެލެވިދާނެ ކަމަށެވެ.

ރިޝްވަތު ކަމަށް ބެލެވޭ، ހަތަރު ކެންޑިޑޭޓެއްގެ މައްސަލަ ބަލަމުންދާކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން ކެންޑިޑޭޓުންނެއްކަން އޭސީސީން ހާމައެއް ނުކުރައްވައެވެ.