ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މިމަހުގެ 25އަށް ހަމަވާން އޮތް ފުރުސަތު މިހާރުވަނީ އަންނަ މާޗުމަހުގެ 5 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައި ކަމަށެވެ. އަދި ސިފައިންގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު ސިފައިންގެ ވެބްސައިޓުން ލިބެން ހުނާނާނެ ކަމަށާއި ފޯމު ބަލައިގަތުން މާލެ ސިޓީގެ އިތުރުން އެމްއެންޑީއެފުގެ އޭރިޔާ ހެޑްކުއާޓާސްތަކުން ކުރިއަށްދާނެ ކަމަށް ބުނެފައިވެއެވެ.
އެމްއެންޑީއެފުގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވައިލައިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
މިފަހަރު ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކަކީ، މެރިންކޯރ، ސްޕެޝަލް ފޯސަސް، ފަޔަރ އެންޑް ރެސްކިޔު ސަރވިސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، މިލިޓަރީ ޕޮލިސް، މެޑިކަލް ސަރވިސް، މިލިޓަރީ އިންޖިނިއަރސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ އިތުރުން ސަރވިސް ކޯ އަދި ކޯސްޓްގާޑުގެ ދާއިރާއެވެ.
ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން، ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައި ވުން ހިމެނެއެވެ.
އަދި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ފުރިހަމަވުމާއި، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން ހިމެނެއެވެ.
ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަރވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝް އަޕްސް، ސިޓް އަޕްސް، ޕުލް އަޕްސް، ދުވުން، ސްވިމިންގ އަދި އެޕްޓިޓިއުޑް) ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބަލާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.