އައިޖީއެމްއެޗް

ޓަޔަރު ފަޅައިގެން ދިއުމުން އަނިޔާވި ދިވެހި މީހާގެ މައިބަދައިގެ އޮޕަރޭޝަނެއްކުރަން ނިންމައިފި

2

ޓަޔަރު ފަޅައިގެން ގޮސް، ވިއްސައިގެން ދިޔަ ދެމީހުންގެ ތެރެއިން ދިވެހި މީހާގެ މައިބަދައިގެ އޮޕަރޭޝަނެއް މިއަދު ކުރާނެ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

މިމަހުގެ 20 ވަނަ ދުވަހު ތިލަފުށީގައި ވެހިކަލަކަށް ވައިޖަހަން އުޅުމުގެ ތެރޭގައި ވިއްސައިގެން ގޮސް އަނިޔާވެފައި ވަނީ ބަންގްލަދޭޝްގެ މީހަކަށާއި ދިވެއްސަކަށެވެ.

''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޓަޔަރު ފަޅައިގެން ގޮސް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ ދެމީހުންގެ ތެރެއިން ދިވެހި މީހާގެ މައިބަދައިގެ މައްސަލައެއް ހުރުމުން އޮޕަރޭޝަނެއް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ބިދޭސީ މީހާ ހޮސްޕިޓަލުން ދޫކޮށްލުމުން އޭނާގެ ގައުމަށް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

މިމަހުގެ 20 ވަނަ ދުވަހު 10:00ގައި ތިލަފުށީ ބޯޓްޔާޑެއްގައި ވެހިކަލެއްގެ ޓަޔަރަށް ވައި ޖަހަނިކޮށް، ޓަޔަރު ފަޅައިގެން ގޮސް ވިއްސައިގެން ދިއުމުގެ ސަބަބުން ދެމީހުންނަށް ވެސް ވަނީ އަނިޔާވެފައެވެ.

އެ ދެމީހުން އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުންގެ ލޯންޗެއްގައެވެ.

މަންޒަރު ދުށް މީހަކު ''ވަންއޮންލައިން''އަށް މައުލޫމާތު ދެމުން ބުނީ ވައިޖަހަމުން ދަނިކޮށް ޓަޔަރު ފަޅައިގެން ގޮސް ވަޔާއެކު އެދެމީހުން ވިއްސައިގެން މައްޗަށް އެރި ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟