ކަނޑުމަތީގެ ހާދިސާތައް

ޑިންގީ ބަންޑުންވެ އަންހެނަކު ގެއްލުން: ފިރިހެން މީހާ އެހީއަށް އެދެން ދިޔައީ އަންހެންމީހާ އަތަށް ހަމަކާއި ފޯނެއް ދީފައި

ޝަހީދާ އަބްދުﷲ ސައީދު

2

ޑިންގީއެއް ބަންޑުން ޖަހާލައި އަންހެނަކު ގެއްލުނު ހާދިސާގައި ފަތާފައި ގޮސް ސިކްސް ސެންސެސް ރިސޯޓަށް އެރި ފިރިހެން މީހާ އެހީއަށް އެދެން ދިޔައީ، އަންހެން މީހާ އަތަށް ފޯނަކާއި ފެންމަތީގައި އޮތުމަށް ޓަކައި ހަމެއް ދީފައި ކަމަށް ފުލުހުން ބުނެފި އެވެ.

އެ އަންހެންމީހާ އަށް ފަތަން ނޭނގޭ ކަމަށް ފުލުހުން ބުނެ އެވެ.

އެ ހާދިސާގައި ޑިންގީ ބަންޑުންޖަހައިލުމުގެ ސަބަބުން ގެއްލުނު އަންހެން މީހާ އަދިވެސް ނުފެންނަ ކަމަށާއި ހޯދުމަށް ހެލިކޮޕްޓަރު ބޭނުންކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހެލްކޮޕްޓަރުގެ އެހީގައި 19 އަހަރުގެ ޝިމާ ހޯދަމުން އަންނަ ކަމަށާއި އަދި ކޯސްޓްގާޑުގެ ޑައިވަރުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ގެއްލިގެން ހޯދަނީ މާމެންދޫ ޝިމާ ހާފިޒެވެ.

ލ. ފޮނަދޫން އެ އަތޮޅު މާމެންދޫއަށް ދަތުރުކުރި ޑިންގީ ބަންޑުން ޖަހާލީ ލ. ގާދޫ ކަނޑުއޮޅި އަށެވެ. ދެ މީހުން ދަތުރުކުރި ޑިންގީ ބަންޑުން ޖަހައިލުމުން އޭގައި ހުރި ފިރިހެން މީހާ ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އަރައި އެހީތެރިކަމަށް އެދުނު ކަމަށް އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ފުލުހުން ބުނީ ބަންޑުންޖަހާލި ޑިންގީގައި ކުޑަ ޓޭންކެއް ހުންނާނެ ކަމަށާއި ޑިންގީގައި 20 ލީޓަރުގެ ޕެޓްރޯލު ހަމެއްވެސް ހުންނާނެ ކަމަށެވެ. އަދި ކަނޑުއޮޅިން އިންޖީނު ހުއްޓުމުން ޕެޓްރޯލް އަޅަން އުޅެނިކޮށް ޖެހި ރާޅަކާ އެކު ޑިންގީ ބަންޑުންޖަހާލީ ކަމަށް ފުލުހުން ބުނެފައިވެއެވެ. ދެމީހުންނާއެކު ދަތުރުކުރި ޑިންގީ ފޮނަދޫއިން ނައްޓައިލީ އިއްޔެ ހަވީރު 6:00 ގައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިހާދިސާގައި ފަތާފައި ރިސޯޓަށް ދިޔަ ފިރިހެން މީހާއަށް ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ޑިންގީ ބަންޑުން ޖަހާލި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ ރޭ 9:30 ހާއިރު އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟