ޕީޕަލްސް ނެޝަނަލް ކޮންގްރެސް

މަޖިލިސް އިންތިހާބުގައި ތާއީދު ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް ނޭޅުމަށް ކޮންގްރެސް ޕާޓީން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތާއީދު ހޯދުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އިން ކުރަމުންގެންދާ މަސައްކަތަށް ހުރަސް ނޭޅުމަށް ކޮންގްރެސް ޕާޓީން ސަރުކާރަށް ގޮވާލައިފިއެވެ.

ކޮންގްރެސް ޕާޓީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ތާއީދު ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން ހުރަސްއަޅައި، ހަމަހަމަކަމާއެކު ކެމްޕޭނު ކުރުމަށް އޮތް ފުރުސަތުތައް ނެތިކޮށްލުމަށް މައްސަކަތްކުރުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ސަރުކާރުން އެގެންދަނީ އިދިކޮޅު ލީޑަރު ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގާނޫނީ އިމުގެ ބޭރުން ނުހައްގުން ހައްޔަރުކޮށް ޖަލަށްލުމަށް ފަހު އެމަނިކުފާނަށް އެކި ގޮތްގޮތުން ގޯނާ ކުރަމުންނެވެ. އަދި އެމަނިކުފާނަށް ފަހު އިދިކޮޅު ޕާޓީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި އެޕާޓީގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ފުލުހުންގެ އިދާރާއަށް ގެންދެވި ތިން ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ފުލުހުންގެ އިދާރާގައި ވަނީ ބައިންދައިފައެވެ..،" ކޮންގްރެސް ޕާޓީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ކޮންގްރެސް ޕާޓީން ބުނީ އެ ދެ ޕާޓީއަށް ނިސްބަތްވާ ކެންޑިޑޭޓުންނާއި އެހެނިހެން ބޭފުޅުންތަކެއް ހައްޔަރުކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން، މަޖިލީހުގެ އިންތިހާބުގައި ތާއީދު ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެތައް ގޮތަކުން ހުރަސް އެޅިފައިވާ ކަމަށެވެ.

"އިންތިހާބުގައި ވަކި ކެންޑިޑޭޓަކު ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއެކު ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ ހައްގަކީ ގާނޫނު އަސާސީން ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބިފައިވާ ހައްގަކަށް ވާއިރު، އެއްވެސް އަސާސެއް ނެތި ކެންޑިޑޭޓުން ތަންތަނަށް ހާޒިރުކުރުން އެއީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާ އަމަލެއް ކަމަށް މި ޕާޓީން ގަބޫލުކުރަމެވެ..،" ކޮންގްރެސް ޕާޓީން ބުންޏެވެ.

ކޮންގްރެސް ޕާޓީން ނެރުނު ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ އެފަދައިން ކެންޑިޑޭޓުންނަށް ލިބިފައިވާ އަސާސީ ހައްގުތަކުން މަހުރޫމުވެދާފަދަ ކަންކަން ސަރުކާރުން ކުރަމުންގެންދާތީ އެކަންކަން ބަލައިދީ، ޕީޕީއެމްއާއި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލާ ކަމަށެވެ.