ދުނިޔެ

ޕާސްޕޯޓު ރޭންކިން އަށް ބޮޑެތި ބަދަލުތަކެއް، އެއްވަނަ ޖަޕާނަށް

މުހައްމަދު އައުޒަމް

ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމް ޖަޕާނުގެ ޕާސްޕޯޓަށް ލިބިއްޖެއެވެ.

ދަ ހެންލީ ޕާސްޕޯޓް އިންޑެކްސް ރޭންކްގެ އެއްވަނައިގައި ޖަޕާން އޮތް އިރު އެމަގާމުގައި ކުރިން އޮތް ސިންގަޕޫރު ވަނީ އެއް ރޭންކް ދަށްވެ ދެވަނައަށް ވެއްޓިފައެވެ. ދަ ހެންލީ ޕާސްޕޯޓް އިންޑެކްސް ރޭންކިންގައި ބަލާމިންގަނޑަކީ ގައުމެއްގެ ރައްޔިތުންނަށް ދުނިޔޭގެ އެހެން ގައުމުތަކަށް ފްރީވިސާ ނުވަތަ އޮންއެރައިވަލް ވިސާ އެންމެ ގިނަ ގައުމުތަކަށް ލިބޭ ގައުމުތަކުގެ ތަރުތީބުންނެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމް ލިބުނު ޖަޕާން ރައްޔިތުންނަށް 190 ގައުމެއްގެ ފްރީ ވިސާ ނުވަތަ އޮން އެރައިވަލް ވިސާ ލިބެއެވެ.

މި އިންޑެކްސް ގައި 2015 ވަނަ އަހަރު އެންމެ ކުރީގައި އޮތް އިނގިރޭސިވިލާތް އަދި އެމެރިކާ ވަނީ ފަސް ވަނައަށް ވެއްޓިފައެވެ. އިނގިރޭސިވިލާތާއި އެމެރިކާ ގެ ރައްޔިތުންނަށް ދުނިޔޭގެ 186 ގައުމަކަށް ދަތުރުކުރެވެއެވެ. ޖަރުމަނާއި ޗައިނާގެ އިތުރުން ރަޝިޔާ ވެސް ވަނީ މި ފަހަރުގެ ރޭންކުގައި ތިރިޔަށް ވެއްޓިފައެވެ.

ދަ ހެންލީ ޕާސްޕޯޓް އިންޑެކްސް ރޭންކިންގެ ޗެއާމަން ޑރ. ކްރިސްޓިއަން ވިދާޅުވީ މިފަހަރުގެ ގަދަ 50 ގައި ހިމެނުނު ގައުމުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

ދަ ހެންލީ ޕާސްޕޯޓް އިންޑެކްސް ރޭންކްގައި ރާއްޖެ ހިމެނުނީ 58 ވަނައިގައެވެ. ދިވެހި ޕާސްޕޯޓުގައި ދުނިޔޭގެ 87 ގައުމަކަށް އޮންއެރައިވަލް ވިސާ ލިބެއެވެ.