ދުނިޔެ

އެފްރިކާގެ ފައިސާ ޗާޕްކުރަންވާނީ އެފްރިކާގައި: އޭޔޫ

އެފްރިކާގެ ގައުމުތަކުގެ ޖަމިއްޔާ ނުވަތަ އެފްރިކަން ޔޫނިއަނުން މިހާރު އެންމެ އިސްކަންދޭ އެއްކަމަކީ މޭޑް އިން އެފްރިކާ ޝިއާރުގެ ދަށުން އެފްރިކާއަށް ބޭނުންވާ ހުރިހާ ތަކެތި އެފްރިކާގައި އުފެއްދުމެވެ. އެފްރިކަން ޔޫނިއަނަކީ ޖުމްލަ 54 ގައުމުގެ މައްޗަށް އެކުލެވިގެންވާ ޖަމާއަތެކެވެ.

މޭޑް އިން އެފްރިކާ ޝިއާރު ޕްރޮމޯޓްކުރުމުގެ ގޮތުން އެފްރިކަން ޔޫނިއަނުން ނިންމާފައިވާ އެއްކަމަކީ އެފްރިކާގެ ގައުމުތަކުގެ ފައިސާ އެފްރިކާގައި ޗާޕްކުރުމެވެ. މިހާރު އެފްރިކާގެ 54 ގައުމުގެ ތެރެއިން ސާޅީހަށްވުރެ ގިނަ ގައުމުގެ ފައިސާ ޗާޕްކުރަނީ ހުޅަނގުގެ ގައުމުތަކުގައެވެ. ޚާއްސަކޮށް އެމެރިކާޔާއި ފްރާންސާއި އިނގިރޭސިވިލާތާއި ޖާރމަނީގައެވެ.

އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ފަހުން ގިނައަދަދެއްގެ ފައިސާ ޗާޕްކުރުމުގެ އޯޑަރެއް ނެރެފައިވާ ގައުމަކީ ގެމްބިއާއެވެ. އެތާގައި 22 އަހަރު ވަންދެން ވެރިކަން ކުރެއްވި ޔަހުޔާ ޖާމޭގެ ވެރިކަން 2016 ވަނަ އަހަރު ނިމުނުކަމަށް ވިޔަސް އެގައުމުގައި އަދިވެސް ބޭނުން ކުރަމުން އަންނަނީ ޔަހުޔާގެ ތަސްވީރު އެކުލެވޭ ނޫޓެވެ. މި ނޫޓުތައް އުވާލައި ދަނޑުވެރިންނާއި މަސްވެރިން ފެންނަ ކުރެހުން އަޅައިގެން އައު ނޫޓުތަކެއް މިހާރު ވަނީ ފަރުމާކުރެވިފައެވެ. އެފްރިކަން ޔޫނިއަނުގެ އެދުމުގެ މަތިން އައު ނޫޓުތައް ޗާޕުކުރަނީ ނައިޖީރިޔާގައެވެ.

ެއެފްރިކަން ޔޫނިއަނުން ގަބޫލުކުރާ ގޮތުގައި އެފްރިކާގެ ފައިސާ ނޫޓުތައް ވިލާތުގައި ޗާޕްކުރުމަކީ އެފްރިކާއަށް ހުތުރެކެވެ. ލަދެކެވެ. އެފްރިކާގެ ގައުމުތައް އަދިވެސް މިނިވަން ނުވާކަމަށް ދަލީލުކުރާ ކަމެކެވެ. އެހެންވީމާ ވިލާތުގައި ޗާޕްކުރުވުމަށްވުރެ ބޮޑަށް ދެން ބަލަންވާނީ އެފްރިކާގައި އެކަން ކުރުމަށެވެ. ތަކުރިބާކާރުން ބުނާގޮތުގައި މިޒަމާނުގެ ސިކިއުރިޓީ ފީޗާރސްތަކާއެކު އެފްރިކާގައި ފައިސާ ނޫޓު ޗާޕްކުރުމުގެ ޚަރަދު ވިލާތުގައި އެކަން ކުރުވުމަށްވުރެ ބޮޑުވާނެއެވެ. އެހެންވީމާ ދެންވެސް ޚަރަދުގެގޮތުން އެންމެ ފަސޭހަ ގޮތަކީ ޔޫރަޕުގައި ޗާޕު ކުރުވުމެވެ.