މިހާރު މިދާގޮތަށް ބަހުގެ ހަމަލާތައް ކުރިޔަށްދާ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަރާލަން ބޮން ގޮއްވީ ވެސް ސަރުކާރުން ކަމަށް ރައީސް ނަޝީދު ސަޕޯޓު ކުރައްވާ އިމްތިޔާޒު ފަހުމީގެ ކެމްޕޭން ޓީމުން ބުނާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މޫސަ މިހެން ވިދާޅުވީ އޭނާ ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގަ އެވެ.
މޫސަ މިހެން ވިދާޅުވި އިރު، އެމްޑީޕީގެ އެތެރޭގެ އިންިތހާބުގެ ޗެއާޕާސަން ކަމުގެ ކެމްޕޭންގެ ފޯރި ގަދަވެ ބަހުގެ ހަމަލާތައް ވެސް ވަނީ ވަރުގަދަ ވެފައެވެ. މި ކެމްޕޭންގައި ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި އިކޮނޮމިކް މިނިސްޓަރު، އަދި ކުރީގެ މަޖިލިސް މެންބަރު ފައްޔާޒް އިސްމާއީލް އެވެ.
މި ދެބޭފުޅުންގެ ކެމްޕޭން ފޯރި ގަދަވެ، ބަހުގެ ހޫނު ހަމަލާތައް ރައްދުކުރަމުން އަންނައިރު، ފާޅުގައި އިއުލާނު ނުކުރެއްވި ނަމަވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެންޑިޑޭޓަކީ ފައްޔާޒް ކަމަށް އަދި ރައީސް ނަޝީދުގެ ކެންޑިޑޭޓަކީ އިންތި ކަމަށް އެމްޑީޕީގެ ހުރިހާ މެންބަރުންވެސް ވަނީ ގަބޫލުކޮށްފަ އެވެ.
މޫސަ ރޭ ކުރެއްވި ޓުވީޓާ ގުޅިގެން، "ވަން" އިން މިއަދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، ރައީސް ނަޝީދު ޕާޓީން ނެރޭ ވާހަކަވެސް، އަދި އެމަނިކުފާނު މަރާލަން އުޅުނު ކަމުގެ ތުހުމަތުވެސް އަޅުވަނީ، އަދި އެ ވާހަކަތައް މިހާރު މާ ގަދަޔަކަށް މި ދައްކަނީ އެހެން އެއްވެސް ކަމެއް ވެގެން ނޫން ކަމަށާއި އެއީ ކުރީން ދުވަހެއްގައި ވެސް ފާހަގަކުރެއްވި ފަދައިން، ބަލި ވުމުން ރައީސް ނަޝީދު އުޅުއްވާ ގޮތެއް ކަމަށެވެ. ސިޔާސީ މަސައްކަތަކުން ބަލިވުމުން ރައީސް ނަޝީދު އަބަދުވެސް ކަން ކުރައްވާ ގޮތަކީ އިމޯޝަނަލް ކާޑު ކުޅުއްވުން ކަމަށާއި ދެން ނަތީޖާ ލިބުމުން ވަދެވަޑައިގެތް އޮންނަވާނީ ގޭގައި ކަމަށެވެ. މިކަން އެމްޑީޕީގެ ކުރީގެ ލީޑަޝިޕްތަކަށް ވެސް އަދި އިސް ސަފުގައި މަސައްކަތްކުރި ކޮންމެ މީހަކަށް ވަރަށް ބޮޑަށް ސާފުކޮށް އެނގޭނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. ކުރިމައްޗަށް ނުކުމެ ގުރުބާނީ ދޭން ޖެހޭނީ، އަދި ދީފައި ހުންނާނީވެސް އާންމު މެންބަރުންނާއި ކޮންމެވެސް އެހެން ބަޔަކު ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"އަސްލު މިހާރުވެސް ވެގެން މި އުޅެނީ އެކަހަލަ ގޮތެއް. އެހެން ދެމީހަކު ކުރިމައްޗަށް ނެރިފަ ތިއްބަސް، ޗެއާޕާސަން ކެމްޕޭނަކީ ރައީސް ނަޝީދާއި ރައީސް އިބޫގެ ކެމްޕޭނެއް. އަސްލު އިންތިއަކީ ރައީސް ނަޝީދު، ފަޔާ އަކީ ރައީސް އިބޫ ސޯލިހު. މި އިންތިހާބުންވެސް ބަލިވެއްޖެކަން ރައީސް ނަޝީދަށް ވަރަށް ބޮޑަށް މިހާރު ސާފުވެއްޖެ. އެހެންވެ އަބަދުވެސް ކުޅުއްވާ ގޮތަށް އިމޯޝަނަލް ކާޑު ކުޅުއްވަން މި ފެއްޓެވީ. ޕާޓީން އެމަނިކުފާނު ނެރެން އުޅޭ ވާހަކައެއް ކުއްލިޔަކަށަ ތިލަވެއްޖެ. ބަލަ ބަޔަކު ނޫޅޭ ރައީސް ނަޝީދު ޕާޓީން ނެރޭކަށްވެސް. ފައްޔާޒްވެސް ވަރަށް ސާފުކޮށް އެހެން ވިދާޅުވެފަ އެއޮތީ. އެހެންވެ މި ދެންނެވީ މިދާވަރުން ދަންޏާ ރައީސް ނަޝީދު ހިންގަވާ އިންތި ކެމްޕޭނުގެ ކުދީން ދެން ގޮވަން ފަށާއި އެމަނިކުފާނު މަރާން ބޮން ގޮއްވީވެސް ސަރުކާރުންނޭ. އެއީ ސަރުކާރުން ރާވައިގެން ކުރި ކަމެކޭ. މިހާރުވެސް އެކި ރާގަށް އެކި ގޮތަށް އެހެންވެސް ކިޔަމުން ދަނީ. އަދި ސީދާ ސީދަލަށްވެސް އެހެން ގޮވަން ފަށާނެ." މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އެއިން އެއްވެސް ވާހަކައެއްގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި، ރައީސް ސޯލިހަކީ އެޔަށްވުރެ މާ ހުލްގުހެޔޮ، ރައީސް ނަޝީދާ މެދު ވެސް ވަރަށް ރަނގަޅަށް ދެކިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. ރައީސް ސޯލިހު މިހާރު ވެސް މަސައްކަތް ކުރައްވަނީ މަސްލަހަތަށް ބައްލަވައިގެން ޕާޓީ އެކަތިގަނޑަކަށް ހައްދަވައިގެން، ޕާޓީގެ ހުއްޓިފައިވާ ހަރަކާތްތައް ވަރުގަދަޔަށް ހިންގައިގެން މެންބަރުން ވެސް ބޭނުންވާ އަމާޒަށް ކަންކަން ގެންދެވުމަށް ކަމަށް މޫސަ ވިދާޅުވި އެވެ. ފައްޔާޒް ނެރުއްވައިގެން ރައީސް ސޯލިހު ކުރައްވާ މަސައްކަތަކީ އެއީ ކަމަށްވެސް މޫސަ ވިދާޅުވި އެވެ.
މޫސަ އިތުރަށް ވިދާޅުވީ، އިސްލާހީ މަސައްކަތަކީ ހަމައެކަނި ރައީސް ނަޝީދުގެ މަސައްކަތެއް ކަމުގައި ދައްކަން މަސައްކަތް ކުރާ ބަޔަކު ވެސް ޕާޓީ ތެރޭގައި އެބަތިބި ކަމަށެވެ. އެއީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ފަތުރުއްވާ ވާހަކަތަކެއް ކަމަށާއި އެކަމުގައިވެސް ހަގީގަތެއް ނެތްކަން ޕާޓީ އުފެދުނު ގޮތާއި އިސްލާހީ މަސައްކަތް ފެށުނު ގޮތާއި މިނިވަން ބަހުސް ފަދަ ހަރަކާތްތައް ފެށުނު ގޮތާއި އެމްޑީޕީގެ ކުރީގެ ލީޑަރޝިޕުތަކަށް ވިސްނުމުން ސާފުކޮށް ފެންނާން އޮންނާނެ ކަމަށެވެ. އެމްޑީޕީގެ އިސްލާހީ ފިކުރަކީ ކަންކަން ރަނގަޅުކޮށް ގައުމު ހަމަމަގަށް އަޅުވަން މުޅި ރާއްޖެއިން ނުކުތް ރައްޔިތުންގެ ފިކުރެއް ކަމަށާއި އެފަދަ އެއްވެސް ފިކުރަކީ ވަކި މީހެއްގެ އަމިއްލަ މިލްކެއް ކަމަށް ހަދައިގެން އުޅުމަކީ ޕާޓީގެ އާންމު މެންބަރުންނަށް ވެސް އޮޅުވައިލުން ކަމަށެވެ.
"މި އިސްލާހީ ފިކުރަކީ ގައުމު އިސްލާހުކުރަން ނުކުތް ރައްޔިތުންގެ ފިކުރެއް. މި އިސްލާހީ ހަރަކާތް އެންމެ ފުރަތަމަ ފެށިގެން އައި އިރު މަންޒަރުގައިވެސް މަގުމަތީގައި ވެސް ރައީސް ނަޝީދެއް ނެތް. އެކަންކަން ދިރާސާކުރާ ކޮންމެ މީހަކަށްވެސް މިކަން ހެއްކާއެކު ފެންނާން ހުންނާނެ. އެންމެ ފުރަތަމަ އިސްލާހީ ބަހުސްތައް މާލޭގައި ފެށިގެން އައި އިރުވެސް ރައީސް ނަޝީދެއް ނެތް. އެމްޑީޕީއަކީ ވަކި މީހަކަށްވުރެ މާ ބޮޑު އެއްޗެއް. އެމްޑީޕީ އުފެދުނީވެސް އަޅުވެތި ރަސްކަމުގެ ނިޒާމާ ދެކޮޅަށް. އެއީ ރައީސް މައުމޫން ގެންގުޅުއްވި ސިސްޓަމެއް. މުޅި ނިޒާމު ވެސް އަދި ވެރިކަން ވެސް އޮންނަން ޖެހެނީ ރައީސް މައުމޫން ބޭނުންފުޅުވާ ގޮތަކަށް. އެމަނިކުފާނުގެ ވަށައިގެން އެނބުރޭގޮތަށް، ގާތް ކުދީންނާއި އާއިލާ ނޫން ބަޔަކު ކައިރީގަ ތިބެގެނެއް ނުވޭ. މިހާރު ރައީސް ނަޝީދެކޭ މައުމޫނެކޭ ހުރި ތަފާތަކީ ކޮބާތޯ؟ ރައީސް ނަޝީދުވެސް މި ގަބޫލުފުޅުކުރައްވަނީ އެމްޑީޕީއަކީ ހަމައެކަނި އެމަނިކުފާނުގެ އެއްޗެއް ކަމަށް. އެކަމަކު ދުނިޔޭގެ ހުރިހާ ޑިމޮކްރެސީއަކަށް ބެއްލެވީމަވެސް ފެނިވަޑައިގަންނަވާނެ، މިފަދަ ކަންކަން ދާނީ ދައުރުވެ ބަދަލުވަމުން. ދެމި އޮންނާނީ ފިކުރު. މި ޕާޓީގެ ފިކުރަކީ އިސްލާހު. އަންނި ހުއްޓަސް އިބޫ ހުއްޓަސް، މާފަހުން އަދި އެހެން މީހަކު ހުއްޓަސް އެފިކުރު އަބަދުވެސް އޮންނާނެ. އަދި މިގޮތަށް ކަންކަން ބަދަލުވަމުން ދާން ކޮންމެ ލީޑަރޝިޕަކުންވެސް ޖާގަވެސް ދޭން ޖެހޭނެ. އެހެން ނޫނީ ޑިމޮކްރެސީއޭ ކިޔައިގެން އަޅުގަނޑުމެން ވާހަކަދައްކާނެ ކަމެއް ނެތް." މޫސަ ވިދާޅުވިއެވެ.