ދެކުނު ޔޫރަޕުގައި އޮންނަ މޮންޓެނެގްރޯގައި އެގައުމުގެ ގައުމީ ސަލާމް ކިޔާ ވަގުތުގައި ކޮޅަށް ނުތެދުވާ މީހުން ޖޫރިމަނާ ކުރަން ނިންމައިފިއެވެ.
މޮންޓެނެގްރޯގެ ގާނޫން ހަދާ މަޖިލީހުން ގެނައި އިސްލާހެއްގެ ދަށުން، އެގައުމުގެ ގައުމީ ސަލާމް ކިޔާ ވަގުތުގައި ކޮޅަށް ނުތެދުވާ މީހުން ޖޫރިމަނާ ކުރާ ގޮތަށް ވަނީ ފާސްކޮށްފައެވެ.
ޖޫރިމަނާގެ ގޮތުގައި 300 ޔޫރޯއިން ފެށިގެން 2000 ޔޫރޯ އާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވިދާނެ ކަމަށް ވެސް އެ އިސްލާހުގައި ވަނީ ހިމަނާފައެވެ.
މޮންޓެނެގްރޯގެ ސަރުކާރުގެ ތަރުޖަމާނު މީޑިއާއަށް މައުލޫމާތުދެމުން ބުނެފައިވަނީ ގައުމީ ސަލާމް ކުރިއަށްދާ ވަގުތު އެސަރަހައްދެއްގައި ހާޒިރުވެތިބޭ އެންމެން ގައުމީސަލާމަށް އިހުތިރާމްކުރުމުގެ ގޮތުން ކޮޅަށް ތެދުވަން ޖެހޭނެ ކަމަށެވެ. އަދި މިކަމުގައި އެހެނިހެން ގައުމުތަކުގެ ފަރާތްތައް ވެސް އިސްތިސްނާ ނުވާނޭ ކަމަށް ތަރުޖަމާނު ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ގައުމީ ސަލާމަށް އިހުތިރާމްކުރުމުގެ ގޮތުން ކޮޅަށް ތެދުވުމުގެ ބަދަލުގައި އިޝާރާތެއް ކޮށްލުމަށް އެދޭކަމަށް ތަރުޖަމާނު ފާހަގަކުރިއެވެ.
ހަ ލައްކަ މީހުންގެ އާބާދީއެއް އޮންނަ މޮންޓެނެގްރޯގެ މިނިވަންކަން އިއުލާންކޮށްފައި ވަނީ 2006 ވަނަ އަހަރުއެވެ. މޮންޓެނެގްރޯވަނީ 2017 ވަނަ އަހަރު ނޭޓޯގެ މެމްބަރަކަށް ވެސް ވެފައެވެ. ނަމަވެސް އެގައުމުގައި ހިޔާލުތަފާތުވުން އުފެދި ޔޫރަޕިއަން ޔޫނިއަންގެ މެމްބަރަކަށް ވުމަށް ކުރަމުން އަންނަ މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.