ތިލަފުށީގައި ވެހިކަލަކަށް ވައިޖަހަން އުޅުމުގެ ތެރޭގައި ޓަޔަރު ފަޅައިގެން ގޮސް، ވިއްސައިގެން ދިޔަ ދެމީހުންގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ ހެޑު، ވިދާޅުވީ ޓަޔަރު ފަޅައިގެން ދިއުމުގެ ސަބަބުން އަނިޔާވެގެން އެހޮސްޕިޓަލަށް ގެންދިޔަ ދެމީހުންނަށް އެނދުމަތިކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެ ދެމީހުންގެ ހާލު ރަނގަޅު ކަމަށެވެ.
އިތުރު ފަރުވާއަށް ދެމީހުންވެސް ރާއްޖެއިން ބޭރަށް ގެންދަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މީޑިއާ ހެޑު ވިދާޅުވީ ސީރިއަސް އަނިޔާތަކެއް އެ ދެމީހުންނަށް ލިބިފައި ނުވާ ކަމަށެވެ. އަދި ބޭރަށް ފޮނުވަންޖެހޭ ވަރުގެ މައްސަލައެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުން ބުނީ އިއްޔެ 10:00ގައި ތިލަފުށީ ބޯޓްޔާޑެއްގައި ވެހިކަލެއްގެ ޓަޔަރަށް ވައި ޖަހަނިކޮށް، ޓަޔަރު ފަޅައިގެން ގޮސް ދެމީހުން ވިއްސައިގެން ގޮސް އަނިޔާވެފައިވާ ކަމަށެވެ. އަދި އެހާދިސާގައި އަނިޔާވެފައިވަނީ ދިވެއްސަކާއި ބިދޭސީއަކަށް ކަމަށް ފުލުހުން ބުންޏެވެ.
މިދެމީހުން އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުންގެ ލޯންޗެއްގައެވެ.
މަންޒަރު ދުށް މީހަކު ''ވަންއޮންލައިން'' އަށް މައުލޫމާތު ދެމުން ބުނީ ވައިޖަހަމުން ދަނިކޮށް ޓަޔަރު ފަޅައިގެން ގޮސް ވަޔާއެކު އެދެމީހުން ވިއްސައިގެން މައްޗަށް އެރި ކަމަށެވެ.
އަދި ގާތްގަނޑަކަށް ދެބުރި އިމާރާތެއްގެ އުސްމިނާ ހަމައަށް ދެމީހުންވެސް މައްޗަށް އެރިކަމަށާއި އޭގެ ފަހުން ކުއްލިއަކަށް ބިމަށް ޖެހުނީ ކަމަށް އޭނާ ބުންޏެވެ.
އަދި އޭރު ވައިޖަހަން ގެންގުޅުނު ޓަޔަރަށް ވައިޖެހިފައި ހުރީ ދެބައިކުޅަ އެއްބަޔަށް ކަމަށާއި ޓަޔަރު ފަޅައިގެން ގޮސް ވިއްސައިގެން ދިޔައީ ޓަޔަރު ހަރުކޮށްފައި ހުރި ދަގަނޑުން ނައްޓައިގެން ދިއުމުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.