އދ. ގައި ހުންނަވާ އެމެރިކާގެ އެމްބެސަޑަރ، ނިކީ ހޭލީ އިސްތިއުފާ ދެއްވައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިކީ ހޭލީ އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދެއްވައިފައެވެ.
ހޭލީއަށް ތަޢުރީފުކޮށް ޓްރަމްޕް ވިދާޅުވެފައިވަނީ ހޭލީ އަކީ ވަރަށް ކުޅަދާނަ ބޭކަނބަލެއް ކަމަށާއި އާދަޔާޙިލާފު މަސައްކަތްތަކެއް ކުރެއްވި ބޭކަނބަލެއް ކަމަށެވެ. އަދި އެކުގައި މަސައްކަތް ކުރެއްވި އިރު ދެބޭފުޅުން އެކުގައި ގިނަގުނަ މަސައްކަތްތަކެއް ހައްލު ކުރެއްވި އާދަޔާ ހިލާފު ބޭކަނބަލެއްގެ ގޮތުގައެވެ.
ހޭލީ ވަނީ ކުރިންވެސް އޭނާ ބްރޭކްއެއް ބޭނުންފުޅުވާކަން ފާހަގަކޮށް ޓްރަމްޕްއާ ހިއްސާކޮށްފައެވެ. ނަމަވެސް ވައިޓްހައުސްގެ އިސް އޮފިޝަލުންނަށް ކުއްލިއަކަށް ހޭލީގެ އިސްތިއުފާގެ ޚަބަރު ލިބުމުން ވަނީ ހައިރާންވެފައެވެ. އަދި ހޭލީގެ ކުއްލި އިސްތިއުފާއާއެކު ގިނަ ސުވާލުތަކެއް ކޮށްފައެވެ.
ހޭލީގެ އިސްތިއުފާއަށްފަހު އެމަގާމަށް ޓްރަމްޕްގެ ސަރުކާރުން ކަނޑައަޅާނެ ނަންތަކެއް ވަނީ މީޑިއާގައި ދައުރުވާން ފަށާފައެވެ. އެމަގާމަށް އަންނާނެ ކަމަށް ބެލެވެނީ ޓްރަމްޕްގެ ކުރީގެ ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޑީނާ ޕޮވެލްއާއި ޖަރުމަނުގައި ހުންނަވާ އެމެރިކާގެ އެމްބެސަޑަރ ރިޗަޑް ގްރެނެލްގެ އިތުރުން ޓްރަމްޕްގެ ސީނިއަރ އެޑްވައިޒަރު އަދި ދަރިކަނބަލުން އިވަންކާ ޓްރަމްޕްގެ ތެރެއިން ބޭފުޅެއްކަމަށް މައުލޫމާތު ލިބެއެވެ.
ހޭލީ، އެކަމަނާގެ އިސްތިއުފާ ސިޓީފުޅުގައި ވިދާޅުވެފައިވަނީ ޤައުމަށް 14 އަހަރު ހިދުމަތް ކުރެވިއްޖެ ކަމަށާއި ދެން ބޭނުންވަނީ އަމިއްލަ މަސައްކަތެއް ފެށުމަށް ކަމަށެވެ.