ދުނިޔެ

ރަޝިއާގައި ފޭސްބުކާއި ޓުވިޓާ ބޭނުންކުރުން މަނާކޮށްފި

ރަޝިއާގައި ފޭސްބުކާއި ޓުވިޓާ ބޭނުންކުރުން މަނާކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ކޮމިއުނިކޭޝަން ރެގިއުލޭޓާ ރޮސްކޮމްނަޒޯ އިން ބުނީ މެޓާ ޕްލެޓްފޯމް އިންކް ކުންފުނިން ދެމުންގެންދާ ފޭސްބުކް ހިދުމަތް ރަޝިއާގައި ބޭނުން ނުކުރެވޭގޮތަށް ކަނޑާލާފައިވަނީ ރަޝިއާގެ ހަބަރުތައް ފޭސްބުކުގައި ގެނެސްދިނުމަށް ހުރަސް އަޅާފައިވާތީ ކަމަށެވެ.

އެގޮތުން 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިއްޔެއާ ހަމައަށް ފޭސްބުކުން ރަޝިއާއާ ދެކޮޅަށް މިފަދަ 26 މައްސަލައެއް އުފުލާފައިވާ ކަމަށާއި އޭގެ ތެރޭގައި އެގައުމުގެ ސަރުކާރު މީޑިއާތައް ކަމަށްވާ އާރްޓީ އަދި އާރްއައިއޭ ނޫސް އޭޖެންސީގެ ހަބަރުތައް ފޭސްބުކުގައި ގެނެސްދިނުމަށް ހުރަސް އަޅާފައިވާ ކަމަށް ވަނީ އެ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން ރަޝިއާގެ ޓެސް ނޫސް އޭޖެންސީ އަދި އިންޓަފެކްސް އޭޖެންސީން ވަނީ އެ އޭޖެންސީތަކަށް ބޭނުން ނުކުރެވޭގޮތަށް ޓުވިޓާގެ ހިދުމަތް ރަޝިއާއިން ކަނޑާލާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

މިކަމާ ގުޅިގެން ޓުވިޓާގެ ރަސްމީ އިދާރާއިން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ފޭސްބުކްގެ ގްލޯބަލް އެފެއާޒުން ވަނީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް އެ ކުންފުނީގެ ހިދުމަތް ބޭނުން ކުރެވޭގޮތަށް އިޔާދަކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފައެވެ.

ރަޝިއާ-ޔޫކްރެން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކަކުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމާއެކު ބައިނަލްއަގުވާމީ މީސްމީޑިއާގެ ހިދުމަތް ދެމުންގެންދާ ޓެކް ކުންފުނިތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.