ހުސްނުއްސުއޫދު

ސުޕްރީމް ކޯޓުން ސުއޫދުގެ ސަސްޕެންޝަން ހަތަރު މަހަށް އިތުރުކޮށްފި

ކުރީގެ ބަންޑާރަނައިބު އަދި ގާނޫނީ ވަކީލު ހުސްނުއްސުއޫދުގެ ސަސްޕެންޝަން ހަތަރު މަހަށް އިތުރުކޮށްފިއެވެ.

ނިމިގެންދިޔަ މަހުގެ 25 ވަނަ ދުވަހު ސުއޫދު ސަސްޕެންޑް ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު އިއުލާންގައި ސަސްޕެންޝަންގައި ހުންނަން ޖެހޭ ވަކި މުއްދަތެއް ހާމަކޮށްފައެއް ނުވި ނަމަވެސް، މިއަދު ނެރުނު އިއުލާންގައި މުއްދަތު ބަޔާންކޮށްފައިވެއެވެ.

ސުއޫދު ސަސްޕެންޑްކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ޖުޑީޝަރީއާ ގުޅޭގޮތުން އޭނާ ކޮށްފައިވާ ޓުވީޓަކާއި ހަމަ އެދުވަހު ސުއާދާ ހަވާލާދީ ނޫހެއްގައި ޝާއިއުކޮށްފައިވާ ލިޔުމަކާ ގުޅިގެންނެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ސުއޫދު ކުރެއްވި ޓުވީޓު

ވީނިއުސްގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ސުއޫދު ވިދާޅުވެފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދިމާވި މައްސަލަތަކެއްގެ ތެރެއިން އޭރު ރައީސްކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދުގެ ވެރިކަން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ދިގު ދަންމާލީ ސުޕްރީމް ކޯޓުން ކަމަށާއި ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށެވެ.

ޑީޖޭއޭ އިން ބުނީ އެ ލިޔުމާ ގުޅޭގޮތުން ސުއޫދާ ސުވާލުކުރުމަށްފަހު އޭނާ ދީފައިވާ ބަޔާނަށް ރިޔާއަތްކޮށް ބެލިބެލުމުން އެ އަމަލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދުގެ 3.2ގެ (ހ)، (ނ)، (ރ)އާ ހިލާފު އަމަލަކަށްވާތީ، އެ ގަވާއިދުގެ ހަ ވަނަ މާއްދާގެ (ނ)ގެ ދަށުން ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވާކާލާތު ކުރުން މިއަދުން ފެށިގެން ހަތަރު މަސްދުވަހުގެ މުއްދަތަށް މަނާކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޖިލީހުން ނިންމާފައިވާ ކަމަށެވެ.