ދުނިޔެ

ޓެރަރިޒަމް ނައްތާލަން ސައުދީ އާއި އިންޑިއާ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެއްޖެ

މުހައްމަދު އައުޒަމް

ޓެރަރިޒަމް ނައްތާލަން ސައުދީ އާއި އިންޑިއާ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެއްޖެއެވެ.

ސައުދީ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދީ ވަލީ އަހުދު ވަނީ ޓެރަރިޒަމްއާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެހީތެރިކަންދީ، ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ.

ވަލީއަހުދު ވަނީ ޓެރަރިޒަމް ނައްތާލުމަށް ސައުދީގެ އިންޓެލިޖެންސްގެ މައުލޫމާތު އިންޑިއާއާ ހިއްސާކޮށް ސަލާމަތީ ކަންކަމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށްވެސް ނިންމައިފައެވެ.

މިބައްދަލުވުމުގައި މޯދީ ވަނީ އިންޑިއާއިން ވެސް ސައުދީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ކައުންޓަރ ޓެރަރިޒަމް އާއި ސައިބާ ކްރައިމްއާ ދެކޮޅަށް ގުޅިގެން މަސައްކަަތް ކުރާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ދާދި ފަހުން ކަޝްމީރުގައި އިންޑިއާގެ ސިފައިންނަށް ދިން ޖާނުން ފިދާވުމުގެ ހަމަލާއަށްވެސް މޯދީ ވަނީ އަލިއަޅުއްވާލައިފައެވެ. މޯދީ ވަނީ މިކަމުގެ ފަހަތުގައި ތިބި މީހުން ހޯދައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

ވަލީ އަހުދު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށްފަހު ދެން ވަޑައިގަންނަވާނީ ޗައިނާއަށެވެ.