އެމްއެންޑީއެފް

ރާއްޖޭގެ މަސްވެރި އުޅަނދުތައް އެހެން ގައުމުތަކުގެ އިގްތިސާދީ ސަރަހައްދުތަކަށް ކަންބޮޑުވާވަރަށް ވަދޭ: އެމްއެންޑީއެފް

1

ރާއްޖޭގެ މަސްވެރި އުޅަނދުތައް އަވަށްޓެރި ގައުމުތަކުގެ އިގްތިސާދީ ސަރަހައްދަށް ވަދެ މަސްވެރިކަންކުރާ މައްސަލަ ވަރަށްބޮޑުވެފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ބުނެފި އެވެ.

މިއަދު އޮތް ނިއުސްކޮންފަރެންސެއްގައި އެ ކަމާބެހޭ މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ކޮމާންޑާ ކޯސްޓްގާޑް، ބްރިގޭޑީއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ، ބޭރުގެ ބައެއް ގައުމުތަކުގެ އިގްތިސޯދީ ހާއްސަ ސަރަހައްދަށް ވަންނަ ދިވެހި މަސްވެރި ކޮންމެ އުޅަނދަކާމެދު ފިޔަވަޅު ނޭޅި ނަމަވެސް އެއީ ވަރަށްބޮޑަށް ސަމާލުވާން ޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ބައެއް ޑިވައިޒްތަކަށް އެ މައުލޫމާތު ލިބުމުން އުޅަނދު ފަހަރަށް ތި އުޅެވެނީ އެހެން ސަރަހައްދެއްގައި ކަމަށް ބުނެދީފަ ހުންނާނެ. ސެޓެލައިޓް ފޯނު މެދުވެރިކޮށް އެތައް ބައިވަރު ދޯނިތަކަކަށް އެ މައުލޫމާތު ހުންނާނެ ފޯރުކޮށްދެވިފަ. އިންޑިޔާގެ ކޯސްޓް ގާޑުތަކުންވެސް އެފަދަ މައުލޫމާތުތައް ވަނީ ފޯރުކޮށްދީފަ. ގިނަ ފަހަރު އަތުލައި ނުގަނެ ރާއްޖޭގެ ސަރަހައްދަށް އެފަދަ އުޅަނދުތައް ވައްދައިދީފަ އެބަހުރި،" ޒުހެއިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އުޅަނދުފަހަރުގައި ޖީޕީއެސް އާއި ރާޑާފަދަ ފަހުގެ ޓެކްނޮލޮޖީ ހުންނައިރު އެފަދަ ކަންކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދަށް ވަންނަ ބޭރުގެ އުޅަނދުތަކާ މެދު ކަންތައް ކުރާ ގޮތަށް ރާއްޖޭގެ އުޅަނދު ތަކާމެދު އެގައުމުތަކުން އަމަލު ކުރާނެކަމަށް މަސްވެރީން ވިސްނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު، އުތުރުން ނޯންނާނެ 200 މޭލެއްް، އުތުރުން މި އޮންނަނީ އިންޑިޔާ އާއި ސްރީލަންކާއާ ގުޅިގެން 1976ގައި އިން ވަކިކޮށްފަ. އެހެންވީމަ 200 މޭލުން ދުރަށް ދުއްވަންޏާ އޮންނާނީ މަލިކަށްވުރެވެސް ދުރަށް ގޮސްފަ. އުތުރުން ވެއްޖެއްޔާ މި ލިބެނީ ތުރާކުނުން ފެށިގެން 37 ވަރަކަށްމޭލު. ހަމަ އެގޮތަށް އިރުއުތުރަކަށް ވެސް 200 މޭލެއް ނުލިބޭނެ. އެނޫން އެހެން ސަރަހައްދު ތަކުގައި 200 މޭލު ލިބޭނެ،" އެމްއެންޑީއެފުން ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟