ދުނިޔެ

ރަޝިއާއެކު މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންދަން ޔޫކްރޭނުގެ ރައީސް އެއްބަސްވެވަޑައިގެންފި

1

ރަޝިއާއާއި ޔޫކްރޭނާ ދެމެދު މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންދަން ޔޫކްރޭނުގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ އެއްބަސްވެވަޑައިގެންފިއެވެ.

ބެލަރުސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯއާ މިއަދު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ޔޫކްރޭނުގެ ރައީސް ޒެލެންސްކީ މިކަމަށް އެއްބަސްވެވަޑައިގެންފައިވަނީ ބައްދަލުވުން ބެލަރުސްގެ ބޯޑަރު ހިމެނޭ ސަރަހައްދުގައި ކުރިއަށް ގެންދެވުމަށެވެ. އެގޮތުން ކިއެވް އިން ޔޫކްރޭނުގެ ވަފުދެއް މިކަމަށްޓަކައި ބެލަރުސް އަދި ޔޫކްރޭނު ގުޅޭ ބޯޑަރު ކައިރިއަށް ފޮނުވުމަށް ޒެލެންސްކީ ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ޒެލެންސްކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެއްވެސް ޝަރުތުކުރުމެއް ނެތި، މޮސްކޯއާއެކު ބެލަރުސް ބޯޑަރުގެ ޕްރިޕްޔަޓް ކޯރު ކައިރި ސަރަހައްދުގައި ބައްދަލުވުން ކުރިއަށް ގެންދެވުމަށް ކިއެވް އިން ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ދެ ގައުމުން ކުރިއަށްގެންދަން އެއްބަސްވެފައިވާ މި ބައްދަލުވުމާ ގުޅިގެން ބެލަރުސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ވަނީ ޔޫކްރޭނުގެ ވަފުދު މި ބައްދަލުވުމުގައި ބައިވެރިވެ، އެނބުރި ވަޑައިގަންނަވަންދެން ބެލަރުސްގެ ސަރަހައްދުގައި ހިމެނޭ އެންމެހާ މަތިންދާބޯޓަކާއި ހެލިކޮޕްޓަރު އަދި މިސައިލުތައް ދުއްވުން ހުއްޓުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުން ކުރިއަށްގެންދަން ހަމަޖެހިފައިވާ ތާރީހާއި ވަގުތެއް އަދި އެއްވެސް ފަރާތަކުން ހާމަަކޮށްފައެއް ނުވެއެވެ. ޔޫކްރޭނުގެ ރައީސް މި ނިންމުން ނިންމަވާފައިވަނީ މީގެ ކުރިން ރަޝިއާއިން މަޝްވަރާ ބައްދަލުވުންތަކަށް ވަފުދެއް ބެލަރުސްއަށް ދަތުރުކުރިކަން ހާމަކޮށްފައިވަނިކޮށެވެ.

ރަޝިއާ އާއި ޔޫކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓައިލުމަށް މީގެ ކުރިންވެސް ބެލަރުސް އިން މަޝްވަރާއަށް ދައުވަތުދީފައިވީ ނަމަވެސް، ޔޫކްރޭނުގެ ރައީސް ޒެލެންސްކީ ވަނީ އެކަމަށް އިންކާރު ކުރައްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟