ގޭގައި މަޑުކުރަން އަންގާފައިވާ އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރު އަބްދުﷲ އާޒިމްގެ މުސާރަ ގޭގައި މަޑުކުރަން އެންގި ދުވަހުން ފެށިގެން ނުހިނގާނެ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނެފި އެވެ.
"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ޕީސީބީގެ ރައީސް، މުހައްމަދު ނިޒާރު މިއަދު ވިދާޅުވީ އެ ބޭފުޅުންނަށް ކުންފުނީން ދޭން ޖެހޭ އެއްވެސް މާލީ އިނާޔަތެއް ނުލިބޭނެ ކަމަށެވެ.
"މޫސަރައެއްވެސް އަދި އެހެން އެއްވެސް އެލަވަންސެއްވެސް ނުހިނގާނެ. އެގޮތަށް އަޅުގަނޑުމެން އޮންނާނީ ނިންމާފަ. އެކަން އެނގިވަޑައިގަންނަވާނެ ސިޓީއެއްވެސް އެބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ." ނިޒާރު ވިދާޅުވި އެވެ.
އެމްޑަބްލިޔު އެސްސީގެ ޗެއާމަން އަހުމަދު މައުސޫމް ގޭގައި މަޑުކުރައްވަން އެންގެވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ރިޕޯޓު އޭސީސީން އާންމުކުރި އިރު، މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް އެސްއޯއެފުން 6.1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގައެވެ.
އައިއޭއެސްގެ ބޯޑު މެންބަރު އަބްދުﷲ އާޒިމް ގޭގައި މަޑުކުރައްވަން އެންގެވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ރިޕޯޓު އޭސީސީން އާންމުކުރި އިރު، އާޒިމްގެ އެކައުންޓަށް 50000 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގައެވެ.