ދުނިޔެ

އަދުގެ ދުނިޔެ: އެމެރިކާއިން ކުރީމާ އޯކޭވެފައި ރަޝިޔާއިން ކުރީމާ އޯކޭނުވާ ކަންކަމުގެ މިސާލުތައް!

އިމާދު ލަތީފު

3

ރަޝިޔާގެ ސިފައިން ބުރާސްފަތި ދުވަހު އަވަށްޓެރި ޔުކްރޭނަށް ވަނީ އަރައިގެންފައެވެ. މިކަމާ ގުޅިގެން އެމެރިކާޔާއި ހުޅަނގުގެ ގައުމުތަކުން ވަނީ ރަޝިޔާ އެކަހެރިކޮށް ދަތިކުރުމުގެ ގޮތުން އަދަދު ނުކުރެވޭހައި ގިނަ ފިޔަވަޅުތައް އިއުލާންކޮށްފައެވެ. މައިގަޑު ގޮތެއްގައި ހިމެނެނީ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެވެ. ރަޝިޔާގެ އަސްކަރީ މިއަމަލަކީ ދުނިޔޭގެ މީސްތަކުން ބަލައިގެންފައިވާ ހަމަތަކާއި އުސޫލުތައް މުގުރާލައި ދުނިޔޭގެ ހަމަޖެހުމާއި ސުލްހަ ނަގައިލުމަށް ހިންގި ބޮޑުވެގެންވާ ޖަރީމާއެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ސިފަ ކުރައްވައިފައެވެ. އެހެންވީމާ ރަޝިޔާއިން މިކުރީ ހަމަ އެފަދަ ކަމެއްތޯ އަދި އެމެރިކާއިން މީގެ ކުރިން ނުކުރާ އައު ކަމެއް ޔުކްރޭނުގައި ރަޝިޔާއިން ކޮށްފިތޯ ބަލައިލުމަކީ މިވަގުތު މުހިއްމު ކަމެއް ކަމުގައި ދެކެމެވެ.

ރަޝިޔާގެ އަމިއްލަ ސަލާމަތަށް ފިޔަވަޅު އެޅުމުގެ ހައްގެއް ނެތީތަ؟

ރަޝިޔާގެ އެންމެ ބޮޑު އެދުމަކީ ނޭޓޯ ޖަމާއަތުގައި ޔުކްރޭނު ބައިވެރި ނުވުމުގެ ޔަގީން ކަމެވެ. އެމެރިކާ އާއި އިނގިރޭސީންނާއި ފަރަންސޭސީންގެ އަސްކަރީ އައްޑާޔަކަށް ޔުކްރޭނު ނުހެދުމެވެ. މި ޔަގީންކަން ޔުކްރޭނަކުންވެސް ނުދިނެވެ. ނޭޓޯއަކުންވެސް ނުދިނެވެ. ރަޝިޔާގެ މިއެދުމަކީ އެގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ އެދުމެކެވެ. މިކަހަލަ ކަމެއް އެމެރިކާއިންވެސް ވަނީ 1962 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކޮށްފައެވެ. އެމެރިކާގެ ބަނޑުދަށުގައި އޮންނަ ކިއުބާއަށް ރޫސީންގެ ނިއުކުލިއަރ މިސައިލް ގެންދަން ކިއުބާއިން މަސައްކަތް ކުރުމުން އެ މިސައިލްތައް ހިފައިގެން ކިއުބާއަށް ދަތުރުކުރާ ބޯޓުފަހަރަށާއި އަދި ކިއުބާއަށް ވެސް ހަމަލާދޭން އެމެރިކާއިން ތައްޔާރުވިއެވެ. އެެއީ އެމެރިކާގެ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ބުނެފައެވެ.

ދުނިޔެ ނިއުކުލިއަރ ހަނގުރާމައެއްގެ ތުންފަތް މައްޗަށް ދިޔައެވެ. އެކަން ހަމަޔަކަށް އެޅުނީ މިސައިލްތައް ހިފައިގެން ދަތުރުކުރި ރޫސީ ބޯޓުފަހަރު އަނބުރައިލުމުންނެވެ. ރޫސީ މިސައިލްތައް ކިއުބާގައި ބެހެއްޓުމަކީ އެމެރިކާގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ބަލައިގެން ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމަ ފަށަން އެމެރިކާ ތައްޔާރުވިޔަސް އެކަން އެމެރިކާއަށް އޯކޭއެވެ. ހުޅަނގުގެ އެންމެހައި ގައުމުތަކަށްވެސް އެކަން އޯކޭ އެވެ. އެކަމަކު ރަޝިޔާއާ އިންވެގެން އޮންނަ ޔުކްރޭނު ނޭޓޯގައި ބައިވެރިކޮށް ރަޝިޔާގެ ބޯޑަރަށް އެމެރިކާގެ ހަތިޔާރު ޖަމާކުރުމަކީ ރަޝިޔާގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ދުށުމުގެ ހައްގު ރަޝިޔާއަކަށް ނެތެވެ. އަދި އެކަން ހުއްޓުވުމަށް އަސްކަރީ ފިޔަވަޅެއް އެޅުމުގެ ހައްގެއްވެސް ނެތެވެ. ހަމަ އެއްކަހަލަ ދެކަމެވެ. އެކަމަކު އެމެރިކާ ވީމާ އޯކޭއެވެ. ރަޝިޔާ ވީމާ އޯކޭއެއް ނުވިއެވެ.

ޑޮނިއެސްކާއި ލުހާންސްކުގެ މިނިވަންކަން ގަބޫލުކުރެވިދާނެތަ؟

ޔުކްރޭނުގެ އިރުމަތީގައި ހަނގުރާމަވެރިން އިއުލާނުކުރި ދެ ޖުމްހޫރިއްޔާ ކަމުގައިވާ ޑޮނިއެސްކް ޕީޕަލްސް ރިޕަބްލިކާއި ލުހާންސްކް ޕީޕަލްސް ރިޕަބްލިކްގެ މިނިވަންކަން ރަޝިޔާއިން ގަބޫލުކޮށް އެމްބެސެޑަރ ލެވެލްގައި ޑިޕްލޮމެޓިކް ގުޅުންތައް ހިންގުން އެމެރިކާ އާއި ހުޅަނގަށް އޯކޭއެއް ނުވިއެވެ. އެކަންވީ ޔުކްރޭނުގެ ސިޔާދަތީ ހައްގުތަކާއި ބައިނަލްއަގުވާމީ ގާނޫނުތައް މުގުރައިލުމަކަށެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއްގެ ގޮތުގައި އޮވެ އދ.ގެ ޗާޓަރު އިރައިލުމަކަށެވެ. އެމެރިކާ އާއި ހުޅަނގުން ގަބޫލުކުރާ ގޮތުގައި ރޫސީން އެކުރީ ނުބައިވެގެންވާ ކަމެކެވެ. ދުނިޔެއަށް އެދައްކައިދިނީ ގޯސް ނަމޫނާއެކެވެ. އެކަމުގެ އަދަބު ރަޝިޔާއަށް ލިބެން ޖެހޭނެއެވެ.

އެކަމަކު 1967 ގައި މެދުއިރުމަތީގައި ކުރެވުނު ހަނގުރާމައިގައި ސީރިޔާއިން އިޒްރޭލް ހިފާފައިވާ ގޯލާންގެ އުސްބިންތަކާއި ޖޯޑަންގެ އަތުން އިޒްރޭލު ހިފާފައިވާ އިރުމަތީ ގުދުސް ރަސްމީ ގޮތުން އިޒްރޭލުގެ ބަޔަކަށް ހެދިހެދުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ބަލައިގަތް ބަލައިގަތުން އެމެރިކާއަށް ވެސް އަދި ހުޅަނގަށްވެސް އޯކޭ އެވެ. އެއްކަލަ އިރުމަތީ ގުދުސްއަށް އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ބަދަލުކުރުންވެސް އޯކޭ އެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އެކަން އެންމެ ރަނގަޅެވެ. އދ.ގެ ޗާޓަރުވެސް ނުވީދެއެވެ. ބައިނަލްއަގުވާމީ ގާނޫނުތައްވެސް ނުމުގުރެއެވެ. ޓްރަމްޕުގެ ދައުރުގެ އެ ނިންމުން މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުންވެސް ވަނީ ދަމަހައްޓައިފައެވެ. އެކަމަކު ޑޮނިއެސްކާއި ލުހާންސްކުގެ މިނިވަންކަން ރަޝިޔާއިން ގަބޫލުކޮށް އެމްބެސެޑަރުން ފޮނުވުން އޯކޭ އެއް ނުވިއެވެ. މިޒާތުގެ ކަމެއް އެމެރިކާއިންވެސް ކޮށްފައިވާއިރު އެކަން އޯކޭއެވެ.

ކްރައިމިއާގައި ރޫސީ ސިފައިން ތިބުން އޯކޭ ނުވެފައި ގުއަންޓަނަމޯބޭގައި އެމެރިކާ ސިފައިން ތިބުން އޯކޭތަ؟

ތާރީޚީ ގޮތުން ރަޝިޔާގެ ސަރަހައްދެއް ކަމުގައިވާ ކްރައިމިއާ ސޯވިއެޓް ޔޫނިއަނުގެ ޒަމާނުގައި ޔުކްރޭނަށް ހަދިޔާކުރެވިފައި ވަނިކޮށް ޔުކްރޭނުން ރަޝިޔާއާ އަދާވާތްތެރިވުމުގެ ސިޔާސަތަށް އިސްކަންދޭތީ ރަޝިޔާއިން 2014 ވަނަ އަހަރު އެތަން އަލުން ހިފައި ރަޝިޔާއާ އެއްކޮށްލުން އެމެރިކާއަކަށްވެސް އަދި ހުޅަނގަކަށްވެސް އޯކޭއެއް ނުވިއެވެ. އެކަންވީ ގަދަބާރުން ސަރަހައްދެއް ފޭރިގަތުމަކަށެވެ. އެ ކުށަށް އަދަބު ދިނުމަށްޓަކައި ހުރިހައި ބާވަތެއްގެ ފިޔަވަޅުތައްވެސް ރަޝިޔާއާ ދެކޮޅަށް ވަނީ އަޅައިފައެވެ. އެކަމަކު ކިއުބާގެ ގުއަންޓަނަމޯބޭ ސަރަހައްދު ގަދަކަމުން ހިފައި، ކިއުބާގެ ރުހުމާ ޚިލާފަށް އަދި ދުނިޔޭގެ ގާނޫނުތަކާވެސް ޚިލާފަށް އެމެރިކާއިން ކޮންޓްރޯލްކުރާ ކުރުން އެމެރިކާއަށްވެސް އަދި ހުޅަނގަށްވެސް އޯކޭއެވެ. ގޯސްމިވީ ރޫސީން ކުރީމައެވެ. އެމެރިކާއިން ކުރީމާ އޯކޭއެވެ.

ޑޮނިއެސްކާއި ލުހާންސްކްގެ ރައްޔިތުން ޔުކްރޭނުން ވަކިވެގަނެގެން އައު ދެ ދައުލަތް އުފައްދައި ޔުކްރޭނުގެ ސިފައިންގެ ކިބައިން ސަލާމަތްކޮށްދޭށޭ ގޮވައި އެކަމަށް އެދިގަތީމާ ރަޝިޔާއިން އިޖާބަދިނުން އޯކޭއެއް ނުވިއެވެ. އެކަންވީ ބޮޑު ކުށަކަށެވެ. ބައިނަލްއަގުވާމީ ގާނޫނުތައް ހުއްދަ ނުކުރާ ކަމަކަށެވެ. އެކަމަކު 90ގެ އަހަރު ތަކުގައި ކުރީގެ ޔޫގޯސްލާވިޔާ ރޫޅިގެންގޮސް ކްރޮއޭޝިޔާއަކާއި ސްލޮވީނިޔާއަކާއި ބޮސްނިޔާފަދަ ގައުމުތައް އުފަންވެ މިނިވަންކަން އިއުލާނުކޮށް ޔޫގޯސްލާވިޔާގެ ސާރބް ސިފައިންގެ ކިބައިން ސަލާމަތްކޮށްދޭށޭ އެދި ގޮވައިގަތީމާ ދެން ހުޅަނގުގެ ގައުމުތަކުން އެތަނަށް ވަދެ އެހިންގިހަައި އަމަލުތަކާއި ޔޫގޯސްލާވިޔާގެ ސިފައިންނާ ދެކޮޅަށް ހިންގި އޮޮޕަރޭޝަން އޯކޭ އެވެ. އެއީ ސުލްހައަށްޓަކައި އެޅި ފިޔަވަޅެކެވެ. ދާދި އެއްކަހަލަ ކަންކަމެވެ. އެކަމަކު ރޫސީން ކުރީމާ ގޯސްވީއެވެ.

ގައުމުތަކަށް އަރައިގަތުން ހުއްދަވަނީ އެމެރިކާއަށް އެކަނިތަ؟

އިންސާނީ ކާރިސާއެއް ތަމްސީލުވަނީއޭ ސަލާމަތްކޮށްދޭށޭ އެދި ލީބިޔާ އާއި ސީރިޔާގެ ހަނގުރާމަވެރިން އެދި ގޮވައިގަތީމާ ހުޅަނގުގެ ލަޝްކަރުތައްގޮސް ބޮން އަޅައި ސީރިޔާ އާއި ލީބިޔާ ސުންނާފަތިކޮށްފިއެވެ. އެއީ އިންސާނިއްޔަތުގެ ގޮވާލުމަށް އިޖާބަދިނުމެކެވެ. އެކަން އޯކޭއެވެ. އެކަމަކު ލުހާންސްކާއި ޑޮނިއެސްކަށް ހަމަލާ ދެމުންދިޔަ ޔުކްރޭނުގެ ލަޝްކަރުތައް ފަހަތަށް ޖައްސައި އެމީހުންގެ މަރުކަޒުތައް ރޫސީން ހަލާކުކުރި ކުރުން އޯކޭއެއް ނުވިއެވެ. އެއީ އުދުވާނެވެ. އެއީ ބަލައިގަނެވޭވަރުގެ ކަމަކަށް ނުވިއެވެ. އަނެއްކާވެސް ރޫސީން ކުރީމާ ގޯސްވީއެވެ. ކުރިކަންކަމުގެ ބާވަތަށް ބަލާއިރު ފެތެނީ އެއް ގިންތިއަކަށެވެ. އެކަމަކު އަމިއްލައަށް ކުރީމާ އެކަމެއް ރަގަޅުވެފައި އަނެއް ބަޔަކު ކުރީމާ ގޯސްވާ އުސޫލުން މިކަންވެސް ގޯސްވީއެވެ.

ޔުކްރޭނުން ދަނީ ނުރައްކާތެރި ހަތިޔާރު ޖަމާކުރަމުންނޭ ރަޝިޔާގެ ސަލާމަތަށް ނުރައްކާ އެބަކުރެޔޭ އެހެންވީމާ އެބިރުވެރިކަން ކަނޑުވައިލުމަށް ކުރެވެންހުރި ކޮންމެ ކަމެއްވެސް ކުރާނަމޭ ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ވިދާޅުވި ވިދާޅުވުން ގޯހެވެ. އެކަންވީ ހަގީގަތާ ވަރަށް ދުރު ބޮޑުވެގެންވާ ޖޯކަކަށެވެ. ރައީސް ޕުޓިންގެ ސިޔާސަތުގެ ދެކޮޅު ނުޖެހޭކަން ބުނެދިނުމަށް އެމެރިކާޔާއި ހުޅަނގުގެ ގައުމުތަކުން މިވާހަކަ މިސާލެއްގެ ގޮތުގައިވެސް އެބަ ބޭނުން ކުރެއެވެ. އެކަމަކު އިރާގުން ނިއުކުލިއަރ ހަތިޔާރާއި ކެމިކަލް ހަތިޔާރު އުފައްދަން އެބައުޅެޔޭ މިކަން ހުއްޓުވަން ވާނެޔޭ ބުނެ އިރާގަށް އަރައި އެގައުމު ސުންފަތިކުރި ކުރުން އޯކޭއެވެ. އިރާގުން އެފަދަ ކަމެއް ކުރާން އުޅުނުކަމުގެ ހެއްކެއް މިއަދާ ހަމަޔަށްވެސް ހޯދިފައި ދެއްކިފައިނުވާއިރު އިރާގަށް އަރަން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދެއްކި ބަހަނާޔާއި ހުއްޖަތު ޖޯކަކަށްވެސް ނުވެއެވެ. އެކަމަކު ޖޯކަކަށް މިވީ ޔުކްރޭނާ ދެކޮޅަށް ރޫސީން ކުރި ތުހުމަތެވެ.

ސަރުކާރުތައް ބަދަލުކޮށް ވެރިން ހައްޔަރުކުރުމުގެ ހައްގު އެމެރިކާއަށް ލިބިގެންވޭތަ؟

ޔުކްރޭނުގެ ރައީސް ލޮޑިމީރު ޒެލެންސްކީއަކީ ރަޝިޔާއަށް ހުރި ބިރެކޭ ނުރައްކަލެކޭ، އޭނާގެ ވެރިކަން ނިންމައިލުމަކީ ބޭނުމެކޭ، އެކަން ކުރާނަމޭ ރަޝިޔާއިން ބުނީމާ އެކަން އޯކޭއެއް ނުވިއެވެ. ގައުމެއްގެ ވެރިޔަކު ދުރުކޮށް ވެރިކަން ބަދަލުކުރުމަކީ އަނެއް ގައުމަށް ލިބިގެންވާ ހައްގަކަށް ނުވާތީއެވެ. މި ހައްގު ނެތީ ރޫސީންނަށެވެ. އެމެރިކާއަށް އެބައޮތެވެ. ޕެނަމާއަށް އަރައި އެގައުމުގެ ވެރިޔާ އެންޓޯނިއޯ ނޮރިއޭގާ ހައްޔަރުކޮށް އެމެރިކާއަށް ގެންދިޔަ ގެންދިއުން އޯކޭއެވެ. އިރާގަށް އަރައި ސައްދާމު ހައްޔަރުކޮށް ދަންޖެއްސުން އޯކޭއެވެ. ލީބިޔާ ސުންނާފަތިކޮށް ގައްޒާފީ އަވަހާރަކޮށްލުން އޯކޭއެވެ. އަދި މިހާރު ވެނެޒުއެލާޔާއި ސީރިޔާ އާއި އީރާނުގެ ވެރިކަން ބަދަލުކުރުމަށް ސިއްރާއި ފާޅުގައި ހިންގަމުން އެހެރަގެންދާ އަމަލުތައް އޯކޭއެވެ. އޯކޭ ނުވަނީ އެމެރިކާގެ ރުހުން ލިބިފައިވާ ވެރިޔަކު ވެރިކަމުން ދުރުކުރަން ރޫސީވިލާތުން އުޅެގަތީމާ އެކަމެވެ.

ކޮންމެއަކަސް މަތީގައި ބަޔާންކުރެވިފައި އެވަނީ ޔުކްރޭނުގެ މައްސަލައިގައި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދައްކަމުންދާ ވާހަކަތަކާއި މާޒީގައި އެގައުމުތަކުން ހިންގާފައިވާ އަމަލުތަކުގެ ތަފާތުކަން އަންގައިދޭ ބައެއް ހާދިސާތަކެވެ. މިކަހަލަ ކިތަންމެ ކިތަންމެ ހާދިސާއެެއް އަދިވެސް އެބަހުއްޓެވެ. އެކަމަކު ލިޔުން ދިގުވާތީ ކުރުކޮށްލީއެވެ. އެމެރިކާއިން ކުރިޔަސް ރޫސީވިލާތުން ކުރިޔަސް ކުށެއްވާނީ ކުށަކަށެވެ. އެކަމަކު މިވާގޮތަކީ އެމެރިކާއިން ކުރީމާ ކުށެއްވެސް ކުށަކަށް ނުވަނީއެވެ. އެހެންބަޔަކު އެކަން ކުރީމާ ބަލަބަލަ ތިޔައީ ކުށެކޭ ބުނެ ތެޅިފޮޅިގަންނަނީއެވެ. މިކަންކަން މިމަގުން ހިނގާތީ މަންޒަރު ދެކޭން ދުރުގައި ތިބޭ މީހުންނަށް ބުނަންޖެހެނީ މިހެންނެވެ. އެމެރިކާއިން ދައްކާ ބަހަނާތަކާއި ހުއްޖަތާއި ހަދާ ދޮގުތައްވެސް އޯކޭއެއް ނޫނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟