ޔޫކްރެއިންގައި ހާއްސަ އަސްކަރީ އޮޕަރޭޝަނެއް ހިންގަވަން ނިންމަވާފައިވާކަން ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އިއުލާނު ކުރެއްވިތާ ގިނަ އިރުތަކެއް ނުވެ، ރަޝިއާގެ ސިފައިން ޔޫކްރެއިނަށް ހަމަލާދޭން ފަށައިފިއެވެ.
ޔޫކްރެއިންގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ރަޝިއާގެ ސިފައިން ދަނީ ޔޫކްރެއިންގެ ވެރިރަށް ކިޔެވްގެ އިތުރުން އެގައުމުގެ ބޮޑެތި ސިޓީތަކަށް ހަމަލާ ދެމުންނެވެ. އަދި އެ ސިޓީތަކުގައި ބޮޑެތި ގޮވުންތަކުގެ އަޑު އިވެމުންދާ ކަމަށްވެސް ބުންޏެވެ.
ޔޫކްރެއިންގެ ދާހިލީ ވަޒީރު ޓެލެގުރާމްގައި ހިއްސާކުރެއްވި މެސެޖަކާ ހަވާލާދީ ދަ ގާޑިއަން އިން ރިޕޯޓު ކޮށްފައިވާ ގޮތުން، ބްލެކް ސީގެ އައްސޭރިފަށުގައިވާ މުހިންމު ޕޯޓް ސިޓީއެއް ކަމަށްވާ އޮޑެއްސާއަށް ރަޝިއާގެ ސިފައިން ވަނީ ފައިބައިފައެވެ.
އަދި ރަޝިއާގެ ބޯޑަރާ 35 ކިލޯމީޓަރު ދެކުނުން އޮންނަ ބޮޑު ސިޓީއެއް ކަމުގައިވާ ކާކިވްއަށްވެސް ރަޝިއާގެ ސިފައިން ވަނީ ވަދެގަނެފައެވެ.
ޔޫކްރެއިންގެ ދާހިލީ ވަޒީރު ވިދާޅުވީ، ޔޫކްރެއިންގެ ފައިޓާ ޖެޓްތައް ބާއްވާފައި އޮންނަ އެއާޕޯޓަކަށްވެސް ރަޝިއާއިން ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އަދި ޔޫކްރެއިންގެ އަސްކަރީ ފައިޓާ ބޮމްބާސް ބާއްވާފައި އޮންނަ އެއާޕޯޓަކަށްވެސް ބާރުގަދަ ހަތް ވައިގެ ހަމަލާ ދީފައިވާ ކަމަށް ވިދާޅުވިއެވެ.
ޔޫކްރެއިންގެ ސްޓޭޓް އެމެޖެންސީ ސާވިސް އިން ބުނާ ގޮތުން، ރަޝިއާއިން މިވަގުތު ދަނީ އެގައުމުގެ 10 ސަރަހައްދަކަށް ހަމަލާ ދެމުންނެވެ.