ކުއްލި ޚަބަރު

ކޮވިޑުގައި އިތުރު މަރެއް، ރާއްޖޭގެ ޖުމުލަ 292 އަށް

ރިފާ ހަލީލު

ކޮވިޑް-19 ޖެހިގެން ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުން އައި މީހަކު މަރުވެ، އެ ބަލީގައި ރާއްޖޭން މަރުވި މީހުންގެ ޖުމުލަ އަދަދު 292 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ހުޅުމާލޭ ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ދަންވަރު 12:15ގައި މަރުވެފައިވާ ކަމަށެވެ.

މިއީ ކޮވިޑް ޖެހިގެން މިމަހު މަރުވި 16 ވަނަ މީހާއެވެ. އެންމެ ފަހުން ކޮވިޑް ޖެހިގެން މީހަކު މަރުވެފައިވަނީ އިއްޔެއެވެ.

މި މަރާއެކު ރާއްޖޭން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 292 އަށް އަރައިފައެވެ. އެއީ 273 ދިވެހީންނާއި 19 ބިދޭސީންނެވެ.

ކޮވިޑު ބަލީގައި ރާއްޖޭން އެންމެ ގިނަ މީހުން މަރުވެފައިވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.