ހުސްނުއްސުއޫދު

ފަނޑިޔާރުގެ އިސްލާހު ވާނީ ކިބުރުވެރިކަމެއް ނެތް އިލްމުވެރި ފަނޑިޔާރުން އައްޔަނުކޮށްގެން : ސުއޫދު

އަހުމަދު ޖައިޝަން

ދިވެހިރާއްޖޭގެ ފަނޑިޔާރުގެ އިސްލާހުވާނީ ބޮޑާ ކަމާއި ކިބުރުވެރިކަމެއް ނެތް، އާންމު ފަރުދުންގެ އިހްސާސްތަކާއި ދަތިތައް އެނގޭ އިލްމުވެރި ފަނޑިޔާރުން ކޯޓުތަކަށް އައްޔަން ކުރެވިގެން ކަމަށް ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިހެން ވިދާޅުވީ އޭނާ ރޭ ކުރެއްވި ޓްވީޓެއްގައެވެ.

ސުއޫދު މިހެން ވިދާޅުވެފައި މިވަނީ ސިޔާސީ ނުފޫޒު ފޯރުވަން އުޅޭހާ ހިނދަކު ފަނޑިޔާރުގެ މިނިވަން ނުވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވުމާ ގުޅިގެންނެވެ.

ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިއްޔެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސިޔާސީ ލީޑަރުން ފަނޑިޔާރުގެ ކޮންޓްރޯލުކުރަން މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރުގެ މިނިވަން ނުވާނެ ކަމަށެވެ.

ޝަރުއީ ނިޒާމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ފަނޑިޔާރުގެ އިސްލާހުކުރުމުގެ ޒިންދާ ގާނޫނު އަސާސީން ލިބިދީފައި ވަނީ ސުޕްރީމް ކޯޓަށް ކަމަށް ވިދާޅުވެ، އެމްޑީޕީން ފަނޑިޔާރުގެ އިސްލާހު ކުރުމަށް ކުރާ މަސައްކަތްތަކަށް ވެސް އުއްތަމަ ފަނޑިޔާރު ވަނީ ނުސީދާކޮށް ފާޑުވިދާޅުވެފަ އެވެ.