އިބްރާހިމް ޒަކީ
ޕީޕީއެމުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލް ކޮށްލާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވުމުން، އެ މައްސަލަ ފެއިލް ކޮށްލާނީ ރިޔާޒު އެކަނި ވޯޓު ދެއްވައިގެންތޯ؟ ޖޭޕީގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ސުވާލު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒުއާ ލަތީފް އެ ސުވާލު ކުރައްވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ލަތީފްގެ ޓްވީޓުގައި ސަރުކާރު ކޯލީޝަންގެ ޖޮއިންޓް ޕީޖީ ގްރޫޕު މިހާރު އެބައޮތްތޯ ވެސް ވަނީ ސުވާލު ކުރައްވައިފަ އެވެ.
އަދި ރައީސުލް ޖުމްހޫރިއްހާ އިބްރާހިމް މުހައްމަދު ސޯލިހު، ވެރިކަމުގެ ހުވާ ކުރެއްވުމާއެކު 4 ލީޑަރުންގެ އެއްބަސްވުމަށް ވެސް މިހާރު އަމަލު ނުކުރެވޭކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ވަޒީރުން ސަލާމަތްކޮށްދިނުމަކީ ރައީސް އިބޫ ސޯލިހުގެ ކަމެއް ކަމަށާއި، އެކަމާއުޅެންވީ 4 ލީޑަރުންތޯވެސް އަބްދުއްލަތީފް ސުވާލު ކުރައްވާފައިވެ އެވެ.
ދިއްދޫ ދާއިރާގެ މެންބަރު ވިދާޅުވީ، ޑިފެންސް މިނިސްޓަރުގެ މައްސަލަ ފެއިލް ކޮށްލައްވާނެ ކަމަށް ރިޔާޒު ވިދާޅުވި އިރު އެކަމާބެހޭގޮތުން ޖޭޕީގެ ޕީޖީ ގްރޫޕުގައި މަޝްވަރާވެސް ކުރައްވާފައި ނުވާ ކަމަށެވެ.
އަބްދުއްލަތީފް މިފަދަ ސުވާލުތަކެއް ކުރައްވާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށްޓަކައި، ކުރީގެ ރައީސް މައުމޫނާއި ރައީސް ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދާލަތު ޕަޓީގެ ރައީސް ޝެއިހު އިމްރާން އަބުދުﷲ ކޯލީޝަންގެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ނަމަވެސް ރައީސް އބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން މާގިނަ ދުވަހެއްނުވެ ކޯލީޝަނުގައި މައްސަލަތައް އުފެދުނެވެ.
ކޯލީޝަންގައި މައްސަލަ އުފެދިފައިވަނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޯލީޝަލް ލީޑަރުން އެއްބަސްވި ގޮތާ ހިލާފަށް، އެމްޑީޕީން މަޖިކީހުގެ ގޮނޑިތަކަށް ކެނޑިޑޭޓުން ނެރުމާ ގުޅިގެންނެވެ.
އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، އެބޭފުޅަކު ބޭނުންވާ ގޮތަކަށް ގެންދަވަނީ ކުރިމަތިލައްވަމުންނެވެ. އެގޮތުން ބައެއްބޭފުޅުން ޕާޓީތަކުގައި ތިއްބވައިގެން އަމިއްލަ ކެނޑިޑޭޓުންގެ ގޮތުގައި ވެސް ގެންދަވަނީ މަޖިލީހަށް ވާދަކުރައްވަން ނިންމަވަމުންނެވެ.