އެމްއެމްއޭ

އެމްއެމްއޭގެ ގަވަރުނަރު މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރުކޮށްދިނުމަށް އެދި ހުށަހަޅައިފިއެވެ.

ގަވަރުނަރު ކޮމެޓީއަށް ހާޒިރުކުރަނީ އެމްއެމްއޭ ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ހެޑް، އަބްދުﷲ އަޝްރަފް، ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައިވާ މައްސަލައިގައެވެ.

ގަވަރުނަރު ކޮމެޓީއަށް ހާޒިރުކޮށްދިނުމަށް އެދި މިނިވަންމުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.

އެފްއައިޔޫ އަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގެ އެތެރޭގައި އުފައްދާފައި އޮންނަ ޔުނިޓެކެވެ. އެޔުނިޓުގައި އަޝްރަފުގެ ކުރިން ހުންނެވީ އާތިފު ޝަކޫރެވެ. އެމަގާމަށް ބޭފުޅުން ކަނޑައަޅުއްވާނީ ގަވަރުނަރެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް އީވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އަޝްރަފް މަގާމުން ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކުން، އޭސީސީގެ އެސްކްރޯ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރުމުގެ މައްސަލައެއް އެފްއައިޔޫ އިން އެ ކޮމިޝަނަށް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ.

އޭގެ އިތުރުން އަޝްރަފް ވަކިކުރީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޔާމީން ހަރަދު ކުރެއްވި ގޮތާ ގުޅޭ މައްސަލައެއް އެފްއައިޔޫ އިން ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށް ކަމަށް ވެސް އީވާގެ ސިޓީގައި ވިދާޅުވިއެވެ.