ދުނިޔެ

32 މީޓަރު އަޑީގެ ވަޅުގައި ތާށިވި ރަޔާންގެ ސަލާމަތަށް އެދި މުޅި ދުނިޔެ އުއްމީދުގައި ތިއްބައި ރަޔާން މަރުވެއްޖެ

32 މީޓަރު (100 ފޫޓު) އަޑީގެ ވަޅުގައި ތާށިވި ރަޔާންގެ ސަލާމަތަށް އެދިއެދި މުޅި ދުނިޔެ އުއްމީދުގައި ތިއްބައި ރަޔާން މަރުވެއްޖެއެވެ.

އަންގާރަ ދުވަހުން ފެށިގެން މި ކުއްޖާ ސަލާމަތްކުރުމަށް މޮރޯކޯގެ ކަމާ ބެހޭ ފަރާތްތަކުން މަސައްކަތްކުރަމުން އައިސް ރޭގެ ވަގުތުގައި ވަނީ މަސައްކަތަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ރެސްކިއު ޓީމުން ކުއްޖާ ސަލާމަތްކުރެވޭ ހިސާބަށް އާދެވުނުއިރު ތުއްތު ރަޔާން ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފައެވެ.

މޮރޮކޯގެ ރަސްގެފާނު ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއަށް ކެތްތެރިވުމަށް ހިތްވަރުދެއްވައިފައެވެ. ގައުމީ މީޑިއާ މެދުވެރިކުރައްވައި އެ ގައުމުގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނުގައި ވަނީ މި ހިތާމަވެރި ހާދިސާގައި ރަޔާން އޮރާމްގެ ފުރާނަ ގެއްލިފައިވާތީ ރަޔާންގެ މައިންބަފައިންނަށް ރަސްގެފާނު ފޯނުން ގުޅުއްވި ކަމަށެވެ.

އެ ކުއްޖާ ވަޅުން ނަގައި ރަޖައަކަށް ލާ އޮޅާލި މަންޒަރު ފެނުނު ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި އޭޕީ ރިޕޯޓަރަކު ވަނީ މައުލޫމާތު ދީފައެވެ. ކުއްޖާ ނެގުމުގެ ކުރިން އޭނާގެ މައިންބަފައިން ވަނީ އެމްބިއުލާންސެއްގައި އެ ސަރަހައްދަށް ކައިރިވެފައެވެ.

ރަޔާން ސަލާމަތްކުރަން ހުއްޓާނުލައި ކުރަމުންދިޔަ މަސައްކަތަށް ވަނީ ދުނިޔޭގެ ސަމާލުކަން ހުއްޓިފައެވެ. އަދި އެ ތުއްތު ކުއްޖާ ހެޔޮ ހާލުގައި ސަލާމަތްވާނެ ކަމަށް އެންމެން ތިބީ އެދި އެދިއެވެ.

މޮރޮކޯގެ ޝެފްޝަވެން ސިޓީއާ 125 މޭލު ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ އިގްރޭންގެ މި ފުން ވަޅުގަނޑަށް ރަޔާން ވެއްޓިފައިވަނީ އަންގާރަ ދުވަހުގައެވެ.

ރަޔާން ސަލާމަތްކުރުމަށް ކުރަމުން ދިޔަ މަސައްކަތް މޮރޮކޯގެ ގައުމީ ޓީވީން ގެންދިޔައީ ވަގުތުން ދުރަށް ދައްކަމުންނެވެ. ވަޅު ފުން ވެފައި ހަނިވުމުގެ ސަބަބުން ކުއްޖާ ސަލާމަތްކުރުމަށް އެ ސަރަހައްދުގައި އިތުރު ވަޅުގަނޑެއް ކޮންނަމުން ދިޔައީ ގިނަ ގޮންޖެހުންތަކާއެކުގައެވެ. ނަމަވެސް ޓީމުތަކަށް ކުއްޖާ ސަލާމަތްކުރެވުނުއިރު ވަގުތު މާބޮޑަށްވެސް ފާއިތުވީއެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. ރަޔާން ސަލާމަތްކުރުމަށް މޮރޮކޯ އަދި އުތުރު އެފްރިކާ އިން މީސްމީޑިއާގައި ފެށި ހޭޝްޓެގް ރަޔާން ވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ.