އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އިސްވެ ހުންނަވައިގެން ކުރިއަށްގެންދަވާ، "އިންޑިއާ އައުޓް" ކެމްޕޭނުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާތީ އެ މައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241) ކޮމިޓީއަށް ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑީއާ ޑައިރެކްޓަރު ހަސަން ޒިއާއު ވަން އަށް މިއަދު ވިދާޅުވީ، މަޖިލީސް ރައީސް އެ މައްސަލަ ހުސްވި ޑިސެމްބަރު މަހުގެ 22 ގައި ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް 241 ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައިގައި މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ. އެފަދަ އަމަލުތަކަކީ ތަހުޒީބު މުޖުތަމައުތަކުގައި ބަލައިގަންނަ އަމަލަކަށް ނުވާއިރު އެއީ ރާއްޖޭގެ މަސްލަހަތާ ހިލާފު އަދި އެކަމުގެ ސަބަބުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮތް ކަމެއް ކަމަށްވެސް ފާހަގަ ކުރައްވާފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ކޮމިޓީގައި އެ މައްސަލަ ކުރިއަށް ނުގެންދެވި ވަނީ މަޖިލިސް ޗުއްޓީގައި އޮތުމުން، ކޮމެޓީ ބައްދަލުވުން ބާއްވަން ބޭނުންވާ ކޯރަމް ހަމަ ނުވެގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު އެ ޖަލްސާއަށްފަހު މަޖިލީހުގެ މަސައްކަތްތައް ފެށިގެންދާއިރު، ކޮމިޓީން އެ މައްސަލަ ބަލަން ފަށާނެއެވެ.
އެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅާފައި ވާއިރު، "އިންޑިއާ އައުޓް" ފަދަ ރާއްޖެ އާއި ބޭރު ގައުމުތަކާދެމެދު އޮންނަ ހާރިޖީ ގުޅުންތަކަށް ބުރޫ އަރާފަދަ އަމަލު ހިންގާ ފަރާތްތަކަށް ހަ މަސްދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން ވަނީ މަސައްކަތް ފަށައިފައެވެ.