އިބްރާހިމް ޒަކީ
އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމެވި ނިންމެވުން ތަންފީޒު ކުރެވޭނީ އިމިގްރޭޝަަންގެ ގާނޫނަށް ގެންނަން މަޖިލީހަށް ފޮނުވި އިސްލާހު މަޖިލީހުން ފާސްވެގެން ކަމަށް ފޮރިން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހަލީލު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ލިޔުމުން މިނިސްޓަރާ ކުރެއްވި ސުވާލަށް އެ މަނިކުފާނު ލިޔުމުން ދެއްވި ޖަވާބުގައެވެ.
މެންބަރު މިނިސްޓަރާ ކުރެއްވި ސުވާލުގައި ވިދާޅުވެފައިވަނީ، ދިވެހި ދައުލަތުން ބޭރު ދައުލަތްތައް ގަބޫލުކުރުމާއި އެ ގަބޫލުކުރުން އަނބުރާ ގެންދިއުމާ ގުޅޭ ގޮތުންނާއި ބޭރު ގައުމުތަކާއެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކުރުމާއި ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ ގައުމަކާމެދުގައި އޮތް ގުޅުން ކަނޑާލުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދީ، އެ މަނިކުފާނުގެ ނިންމުން ތަންފީޒު ކުރުމަކީ މިނިސްޓަރުގެ މަސްއޫލިއްޔަތެއް ކަމަށް ފޮރިން ސާވިސްގެ ގާނޫނުގައި ބުނާ ކަމަށެވެ.
އެހެންކަމުން އިސްރޭލުގެ ޕާސްޕޯޓާއެކު ރާއްޖެ އެތެރެވުން މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުން ތަންފީޒު ކޮށްފައިނުވަނީ ކީއްވެގެންތޯ މެންބަރު ސުވާލު ކުރެއްވިއެވެ.
މެންބަރުގެ ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ، އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު 2 ޖޫން 2024 ގައި ރައީސް ނިންމަވާފައިވާ ކަމަށެވެ.
"އެ ނިންމުން ތަންފީޒު ކުރުމަށްޓަކައި އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަންޖެހޭ، އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މި ވަގުތު އޮތީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި، ކަމާގުޅުން ހުރި އެކިއެކި ފަރާތްތައް ހާޒިރުކޮށްގެން ދިރާސާ ކުރުމުގެ މަރުހަލާގައި، އެ ނިންމުން ގާނޫނަކަށް ވުމާއެކު ސަރުކާރުގެ ނިންމުން ތަންފީޒު ކުރުމަށް މަގުފަހިވެގެންދާނެ،" ހަލީލު ވިދާޅުވިއެވެ.
އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަވަހަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ވެރިކަންކުރާ ޕީއެންސީންވެސް މީގެ ކުރިން ވަނީ ގޮވާލައިފައެވެ.