ޕޮލިސް ބޯޑަށް މުހައްމަދު ސޯދިގާއި އަހުމަދު މިޒްމާދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ.
ޕޮލިސް ބޯޑުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލީ އެ މަގާމުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ދެ މެންބަރުންގެ ދައުރުހަމަވާތީއެވެ. އެ ބޯޑުގައި އާންމުގެ ފަރާތުން މިހާރު ތިއްބަވަނީ ހ. ޝޭޑީކޯނާ/ ހާމިދު އަބްދުލްގަފޫރާއު އަދި ސ. ހުޅުދޫ/ ދެތަނޑިމާގެ، ސަފާ ޝަރީފެވެ.
ޕޮލިސް ބޯޑަށް އާންމު ރައްޔިތުންގެ ތެރެއިން މަޖިލީހުން ފާސްކޮށްގެން އައްޔަންކުރާ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ހަތަރު ބޭފުޅަކު އެ މަގާމަށް ކުރިމަތިލިއެވެ. އެ ބޭފުޅުންގެ ނަން މަޖިލިސް ތަޅުމުގައި އިއްވުމަށްފަހު އެ ނަންތައް ދިރާސާކުރުމަށް 241 ކޮމިޓީއަށް ފޮނުވީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ.
މި ބޭފުޅުންގެ ނަންތައް ދިރާސާކުރުމުގައި ކަމާބެހޭ މުއައްސަސާތަކުން އެ ބޭފުޅުންނާގުޅޭ މައުލޫމާތު ހޯދުމުގެ އިތުރުން ކޮމިޓީން ވަނީ އެ ބޭފުޅުންނާ އިންޓަވިއުކޮށްފައެވެ.
މަޖިލިސް ގަވާއިދަށް ހަވާލާދީ އެ ބޭފުޅުންނާ އިންޓަވިއު ކުރުން ކޮމިޓީން ކުރިއަށް ގެންދިޔައީ އަށް ދާއިރާއަކުން ސުވާލުކޮށް، 75 ޕަސެންޓް މަތިން މާކްސް ހޯދާ ބޭފުޅުން ޕޮލިސް ބޯޑުގެ މެންބަރުކަމުގެ ޝަރުތު ފުރިހަމަވާ ކަމަށް ބަލައިގެންނެވެ.
ކޮމިޓީ އިންޓަވިއުގައި މާކްސް ދީފައިވަނީ، ހާސިލުކޮށްފައިވާ ތައުލީމާއި މަގާމުގެ މަސައްކަތާ ހުރި ގުޅުން ސާބިތުކޮށްދީފައިވާ މިންވަރަށް 20 މާކްސް، ލިބިފައިވާ ތަޖުރިބާ އާއި މަގާމުގެ މަސައްކަތާ ހުރި ގުޅުން ދައްކުވައިދީފައިވާ މިންވަރާއި ދުރު މުސްތަގުބަލުގެ ތަސައްވުރު އަދި އަމާޒު ހުރި ގޮތާއި ތެދުވެރިކަމާއި އިހުލާސްތެރިކަން ހުރި މިންވަރު، މީގެން ކޮންމެ ބަޔަކަށް 15 މާކްސް، ނަތީޖާ ހާސިލުކުރުމާއި އުފެއްދުންތެރިކަން ދައްކުވައި ދިން މިންވަރާއި އިސްނެގުމާއި ކަންކަން ނިންމުމުގައި ހެޔޮ ވިސްނުން ގެންގުޅޭ ގޮތް ދައްކުވައިދިން މިންވަރާއި ވާހަކަދެއްކުމުގެ ހުނަރު، މިއިން ކޮންމެ ބަޔަކަށް 10 މާކްސް އަދި ޝައުގުވެރިކަން ހުރި މިންވަރަށް ފަސް މާކްސްއެވެ.
އެންމެ ގިނައިން މާކްސް ލިބިފައިވާ ސޯދިގަކީ ގިނަ ދުވަސްތަކެއް ވަންދެން ފުލުހުންގެ ދާއިރާގައި ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ޑެޕިއުޓީ ކޮމިޝަނަރުކަމުގެ މަގާމުގައި ހުންނެވުމަށްފަހު ރިޓަޔާކޮށްފައި ވަނިކޮށް ޖެންޑާ މިނިސްޓްރީގެ ނައިބު ކަމަށް ސޯދިގު އައްޔަން ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުއެވެ. ސޯދިގު މިހާރު ހުންނެވީ ފުލުހުންގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އިސްތިއުނާފު ކޮމިޓީގެ ރައީސަކަށެވެ.
ދެވަނައަށް އެންމެ ގިނަ މާކްސް ކޮމިޓީން ލިބިވަޑައިގެންނެވި މިޒްމާދަކީ ގާނޫނީ ދާއިރާ އިން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު ވަކީލެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭގެ ކުރިން އޭނާ ވަނީ ޕްލޭނިން މިނިސްޓްރީ އާއި ރައީސް އޮފީހުގައި މަސައްކަތް ކުރައްވައިފައެވެ.
އޭގެ އިތުރުން އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާގައިވެސް މަސައްކަތް ކުރައްވައިފައެވެ. އަދި އޭނާ ވަނީ މީޑިއާ ކައުސިލުގައި ދެ ދައުރު ފުރުއްވައިފައެވެ.
ޕޮލިސް ބޯޑް އެކުލެވިގެންވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި އާއްމުންގެ ތެރެއިން އައްޔަން ކުރާ ދެ މެންބަރުންނެވެ.