އެންޓި ކޮރަޕްޝަން ކޮމިޝަން

އެމްއެމްޕީއާރުސީ މައްސަލައިގެ އެއްވެސް މައުލޫމާތެއް ނުފޮރުވަން: އޭސީސީ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގާ ގުޅޭ ބައެއް މައުލޫމާތު އޭސީސީން ސިއްރުކޮށްފައިވާ ކަމަށާއި، އެ ތަހުގީގުތައް ފުރިހަމަކޮށްފައި ނުވާކަމަށް ބުނެ ފަތުރަމުންދަނީ ގާނޫނީ ބުރަދަނެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އެފަދަ އެއްވެސް މައުލޫމާތެއް ސިއްރުކޮށްފައި ނުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށް، އޭސީސީން ރިޕޯޓް ނެރެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.

ނަމަވެސް އެ ރިޕޯޓާމެދު ސުވާލު އުފައްދައި ގިނަ ފަރާތްތަކަކުން އަންނަނީ ރިޕޯޓަށް ފާޑު ކިޔަމުންނެވެ.

އެގޮތުން، އޭސީސީގެ ރިޕޯޓްގައި ހިމަނާފައިވަނީ، ޑޮލަރު ގަތުމަށް ބޭނުންވާ ފަރާތްތަކަށް އެސްއޯއެފް އިން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ މައުލޫމާތު ކަމަށާއި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ނަގުދު ފައިސާ ދިން ފަރާތްތަކުގެ މައުލޫމާތުތައް ރިޕޯޓުގައި ނެތް ކަމަށް ބައެއް ފަރާތްތަކުންވަނީ ތުހުމަތު ކޮށްފަ އެވެ.

އެ ވާހަކަތަކާ ގުޅިގެން އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ރިޕޯޓް ފުރިހަމަ ނޫން ކަމަށާއި އެ ތަހުގީގުތަކުގައި ބައެއް ފަރާތްތައް ސިއްރު ކޮށްފައިވާ ކަމަށް ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އޭސީސީން ބުނީ، އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ ފައިސާގެ މުއާމަލާތްތަކުގައި އިސްކޮށް އުޅުނު ފަރާތްތައް ތަހުގީގަށް ހާޒިރު ކުރުމަށް ކުރެވުނު މަސައްކަތުން އެފަރާތްތައް ކޮމިޝަނަށް ހާޒިރު ކުރެވިފައި ނުވާތީ، ފުލުހުންގެ ފަރާތުން އެ ފަރާތްތަކުގެ މައްޗަށް ރެޑް ނޯޓިސް ނެރުނު ނަމަވެސް މިހާތަނަށް އެ ފަރާތްތައް ރާއްޖެއަށް ގެނެވިފައި ނުވާތީ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ ރިޕޯޓަކީ، ޕީޖީ އޮފީހަށްވެސް ފޮނުވައިފައިވާ ރިޕޯޓް ކަމަށާއި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ މައުލޫމާތު އޭސީސިއާ ހިއްސާ ކޮށްފައިވާ ކަަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ ހަގީގާތާ ހިލާފު ވާހަކައެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.

އޭސިސީން ބުނީ އެތަނުގެ ސީނިއާ އިންވެސްޓިގޭޓަރުންގެ 36 މުވައްޒަފުން އެ ތަހުގީގުގައި ބައިވެރިވި ކަމަށާއި، އެތަނުގެ އެއްވެސް މުއައްޒިފެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ އެއްވެސްކަމެއް ކޮށްފައި ނުވާކަމަށެވެ