އަލީ ޔާމިން
އިންޑިއާގެ ބަނގުރޫޓުވެފައިވާ ގައުމީ އެއާލައިން އެއާއިންޑިއާ ކުންފުންޏާ އެގައުމުގެ ޓާޓާ ކުންފުނިން ހަވާލުވެއްޖެއެވެ.
ޓާޓާއިން އެއާއިންޑިއާ އާ ހަވާލުވީ، ޓާޓާ ސަންސްއިން އެ އެއެއާލައިންގެ 100 ޕަސަންޓް ހިއްސާ 2.4 ބިލިއަން އެމެރިކާ ޑޮލަރަށް މިދިޔަ އޮކްޓޫބަރު މަހު ގަތުމާ ގުޅިގެންނެވެ.
ޓާޓާ ސަންސްގެ ފަރާތުން އެއާއިންޑިއާއާ ހަވާލުވީ، އެކުންފުނިން ހިންގާ އެހެން ކުންފުންޏެއްކަމަށްވާ "ޓެލޭސް ޕްރައިވެޓް ލިމިޓެޑް" އިންނެވެ.
"އެއާއިންޑިއާ"އާ ހަވާލުވުމަށް ފަހު "ޓާޓާ ސަންސް"ގެ ސީއީއޯ ނަޓަރާޖަން ޗަންދްރަސޭކަރަން ވިދާޅުވީ، އެއީ ބަނގުރޫޓުވެފައިވާ އެއާއިންޑިއާ ދުނިޔޭގެ ފެންވަރުގެ އެއާލައިނަކަށް ހަދަން "ޓާޓާ ސަންސް" އަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.
އެއާއިންޑިއާ 1932 އުފެއްދީ، ޓާޓާ ސަންސްގެ ބާނީ ޖޭއާރްޑީ ޓާޓާ އެވެ. އެއިރު އެއާއިންޑިއާ އުފެއްދީ ޓާޓާ ސަންސްގެ ވަކި ވިޔަފާރިއެއްގެ ގޮތުގައެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ 1953 ވަނަ އަހަރު އެއާ އިންޑިއާ ގަނެފައެވެ. އެހެންކަމުން ޓާޓާއިން އެއާ އިންޑިއާ ދެވަނަ ފަހަރަށް ހަވާލުވެފައި މިވަނީ 67 އަހަރު ފަހުންނެވެ.
ކުދި ބޯޓުތަކާއި ބޮޑު އަދި މެދު ސައިޒްގެ ބޯޓުތައް ހިމެނޭގޮތަށް 130 މަތިންދާބޯޓު އޮންނަ އެއާއިންޑިއާގެ އެސެޓްގެ އަގު ހަ ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
ޓާޓާއިން އެއާ އިންޑިއާއާ އަލުން ހަވާލުވިއިރު، އިންޑިއާގެ އަމިއްލަ ދެ އެއާލައިނެއްކަމަށްވާ "ވިސްޓާރާ" އާއި "އެއާއޭޝިއާ އިންޑިއާ" އަކީވެސް "ޓާޓާ ސަންސް" އިން ހިންގާ ދެ އެއާލައިނެވެ.