މުހައްމަދު އައުޒަމް
މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކަށް ފިޔަވަޅު ނާޅައިފިނަމަ 2030 ވަނަ އަހަރާއި ހަމައަށް ދުނިޔެ ސަލާމަތް ނުވެދާނެ ކަމަށް ގްލޯބަލް ސައިންޓިފިކް އޮތޯރިޓީއިން ޝާއިއުކުރި ރިޕޯޓަކުން ދައްކައިފިއެވެ.
އދ އިން ފާސްކޮށްފައިވާ ޕެރިސް އެގްރިމެންޓްގައި އަލިއަޅުވާލައިފައިވާ ދުނިޔޭގެ ފިނިހޫނުމިނުގެ ލެވެލް ކަމުގައިވާ "ޕްރީ އިންޑަސްޓްރިއަލް ލެވެލް" އަށްވުރެ މައްޗަށް ފިނިހޫނުމިން އަރައިފި ނަމަ އެކަމުގެ ނުރައްކާ ފޫނުބެއްދޭނެ ކަމަށް މި ދިރާސާއިން ދައްކައެވެ. މިހާރު މޫސުމަށް އަންނަމުންދާ ބަދަލު ތަކަށް ބަލާފައި 2030 ވަނަ އަހަރާއި ހަމައަށް ދާއިރު މިލެވެލް އަދި ވެސް މައްޗަށް އަރައިފާނެ ކަމުގެ ބިރު އެބަ އޮތެވެ. މިކަމުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ހަނަފަސްކަން އިތުރު ވުމުގެ ނުރައްކާ ބޮޑުވެ ފެންބޮޑުވުމާއި ޖަންގަލިތަކުގައި ރޯވުން ފަދަ ކަންކަން ކުރިމަތި ވެދާނެ ކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. ހާލަތު ގޯސްވާ ހިސާބުން ކާބޯތަކެތި ލިބޭ މިންވަރު ދަށްވެ އެތައް މިލިޔަން މީހުންނަށް މިކަމުގެ ސީދާ އަސަރު ކުރާނެ ކަމަށް ވެސް ބެލެވޭ ކަމަށް ރިޕޯޓުގައި ވެއެވެ.
2030 ވަނަ އަހަރު ކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވަނީ މިހާރު ދުނިޔޭގައި ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކަށް ރިއާޔަތް ކޮށްފައެވެ.