މިދިޔަމަހުގެ 28 ވަނަ ދުވަހު އިންޑޮނޭޝިއާ އަށް އައި ބިންހެލުމަށް ފަހު އުފެދުނު ސުނާމީގައި މަރުވި މީހުންގެ އަދަދު 2000 އާ ގާތްކޮށްފި އެވެ. ޔަގީން ވެފައިވާ ރިޕޯޓުތައް ބުނާ ގޮތުން މަރުވި މީީހުންގެ އަދަދަކީ 1944 އެވެ. ގެއްލިފައިވާ މީހުންގެ އަދަދު 5000 އަށް އަރާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
އިންޑޮނޭޝިއާގެ ސުލަވެސި އައިލެންޑުގެ ޕަލޫ އަދި ޑޮންގަލާ ސަރަހައްދަށް އެރި މި ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ގެތައް ވެއްޓި ކިސަޑު ތަކުގެ އަޑިއަށް ގަނބައިގެން ގޮސް އެތައް ސަތޭކަ ބަޔަކުވަނީ ވަޅުލެވިފައެވެ.
ބިންހެލުމަށްފަހު އައި ސުނާމީގައި ލިބުނު ގެއްލުމުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނައިރު ބޭރުުގެ އެހީވެސް އިންޑޮނޭޝިއާ އަށް އަންނަނީ ލިބެމުންނެވެ. އިނގިރޭސިވިލާތުން ވަނީ ފަސް މިލިޔަން ޕައުންޑް ހަދިޔާކޮށްފައެވެ. އޮސްޓްރޭލިއާއިން ވެސް ވަނީ ހަ މިލިއަން ޕައުންޑް ހަދިޔާކޮށްފައެވެ. މީގެ އިތުރުން އެޕަލް އަދި ގޫގުލް އިން ވަނީ އެއް މިލިޔަން ޑޮަލަރުގެ އެހީ އިންޑޮނޭޝިއާ އަށް ދީފައެވެ.
ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މިމަހުގެ 11 ވަނަދުވަހު ހުއްޓާލުމަށް ސަރުކާރުން ނިންމާފައިވާއިރު އެމީހުން ދިރިތިއްބާ ފެނިދާނެކަމުގެ އުއްމީދު ވަނީ ކަނޑައިލައިފައެވެ.
ދެލައްކަ އަށް ވުރެ ގިނަމީހުން ސަލާމަތީ ސަރަހައްދު ތަކަށް ބަދަލުކޮށްފައިވާއިރު ސަރުކާރުން އަންނަނީ އެސަރަހައްދު ތަކަށް އެހީގެ ތަކެތި ފޯރުކޮށްދެމުންނެވެ. ގެއްލުން ލިބުނު ސަރަހައްދުގައި ތިބި މީހުންނަށް ބޭނުންވާ އެހީ ވައިގެ މަގުން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެގައުމުގެ ސިފައިން މައުލޫމާތު ދެއެވެ.