ބުރްކިނާފާސޯގައި އަސްކަރިއްޔާއިން ބަގާވާތެއްކޮށް އެގައުމުގެ ރައީސް ރޯޝް މާކް ކްރިސްޓިއަން ކަބޯރޭ ވަނީ ހައްޔަރުކޮށްފަ އެވެ.
ބުރްކިނާފާސޯއަށް ގެނައި ބަގާވާތާ އެއްކޮށް މިއީ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުގެ ތެރެއިން ފާއިތުވި އަހަރުގެ ތެރޭގައި ގެނައި ހަތަރުވަނަ ބަގާވާތެވެ.
އިއްޔެގެ ވަގުތެއްގައި އެގައުމުގެ އަސްކަރިއްޔާގެ ލެފްޓިނެންޓް ކާނަލް ޕޯލް ހެންރީ ސެންޑައާގޯ ޑެމީބާ އިސްކޮށް ހުރެގެން ވަނީ ގައުމީ ޓީވީ މެދުވެރިކޮށް މިވަގުތު އެގައުމުގެ ބާރު އޮތީ އެމީހުންގެ އަތުގައި ކަމަށް ބުނެފައެވެ. އަދި ސަރުކާރާއި ގައުމީ މަޖިލިސް އުވާލެވިފައިވާ ކަމަށާއި އެގައުމުގައި ކާފިއު އިއުލާނު ކުރިކަން އެ ގުރޫޕުން ވަނީ ހާމަކޮށްފައެވެ.
2020 ވަނަ އަހަރު ދެވަނަ ދައުރަކަށް އިންތިހާބުވި އެގައުމުގެ ރައީސް ހުންނެވިތަނެއް އެ ގުރޫޕުން ހާމަކޮށްފައި ނުވިނަމަވެސް، ހައްޔަރުކޮށްފައިވާ އެއްވެސް މީހަކަށް ގެއްލުމެއް ދީފައި ނުވާ ކަމަށާއި ރައްކާތެރި ކަމާއެކު އެފަރާތުގެ ބެލުމުގެ ދަށުގައި ތިބިކަމަށް ވަނީ ބުނެފައެވެ.
ބުރްކިނާފާސޯއަށް ގެނައި ބަގާވާތާ ގުޅިގެން އދ. އިން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އެމެރިކާއިން ވަނީ ބުރްކިނާފާސޯގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އޭގެ އިތުރުން ހުޅަނގުގެ އިއްތިހާދުންވެސް ވަނީ ބުރްކީނާފާސޯގެ އަސްކަރިއްޔާއިން ގެނައި ބަގާވާތް ކުށްވެރިކޮށް ރައީސް ކަބޯރޭ މިނިވަން ކުރުމަށް ގޮވާލާފައެވެ.
ބުރްކިނާފާސޯގައި ގެނައި ބަގާވާތާ ގުޅިގެން ފްރާންސުގެ ރައީސް އިމެނުއެލް މެކްރޮން އެކަން ކުށްވެރިކުރައްވާފައިވާއިރު ސަރަހައްދީ ލީޑަރުންނާއެކު މަޝްވަރާތައް ބޭއްވުމަށް ވިސްނަވަމުން ގެންދަވާ ކަމުގައި ރޭޑިއޯ ފްރާންސް އިންޓަނޭޝަނަލް- އާރްއެފްއައި އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.
ބުރްކިނާފާސޯ އަކީ 1960 ވަނަ އަހަރާ ހަމައަށް ފްރާންސުގެ ބާރުގެ ދަށުގައި އޮތް ގައުމެކެވެ. ރައީސް މެކްރޮން އިތުރަށް ވިދާޅުވީ ބުރްކީނާފާސޯގެ ރައީސްގެ ހާލުކޮޅު ރަނގަޅުކަމަށާއި ހުންނެނީ އެއްވެސް ގެއްލުމެއް ލިބިވަޑައިނުގެން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވިއެވެ.
ހުޅަނގު އެފްރިކާގެ ގައުމުތައް ގުޅިގެން އުފައްދާފައިވާ ޖަމިއްޔާ - އިކޮމޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އިކޮވަސް) އަދި އެފްރިކާ އިއްތިހާދުން ވަނީ ބުރްކިނާފާސޯގައި ބަގާވާތް އިއުލާނުކުރުމުގެ ކުރިންވެސް އާދިއްތަ ދުވަހުން ފެށިގެން އަސްކަރިއްޔާއިން ބަގާވާތެއް ގެނައުމަށް މަސައްކަތްކޮށްފައިވާތީ އެކަން ކުށްވެރިކޮށްފައެވެ. އަދި ރައީސްގެ ރައްކާތެރިކަމުގެ ޒިންމާ އަސްކަރިއްޔާއިން ކަށަވަރުކޮށްދޭން ޖެހޭނެކަމަށް އެ ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.
ބުރްކީނާފާސޯގައި ހިންގަމުން އަންނަ އެމްބަސީތަކުން ވަނީ ރައްޔިތުންގެ އަމިއްލަ ރައްކާތެރިކަމަށްޓަކައި ސަމާލުވެތިބުމަށް އިލްތިމާސްކޮށްފައެވެ. އެގައުމުގައި ހުރި އެމެރިކާގެ އެމްބަސީން ބުނެފައިވަނީ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރައްކާތެރިކަމަށް ޓަކައި މިއަދު އެ އެމްބަސީ ބަންދުކުރެވިފައިވާކަމަށެވެ. އަދި ބުރްކީނާފާސޯގައި މިރޭގެ 9 އިން ފަތިހު 5 އަށް ކާފިއު އިއުލާނުކޮށްފައިވާކަމަށާއި ކާފިއު އުވާލިކަން އެނގިފައި ނުވާކަމަށް އެ އެމްބަސީން ބުނެއެވެ. އޭގެ އިތުރުން އެއްގަމާއި ވައިގެމަގުން ކުރާ ދަތުރުތައް މިރޭގެ 11.59 އިން ފެށިގެން ހުއްޓުމަކަށް ގެނެސްފައިވާ ކަމަށްވެސް އެ އެމްބަސީން ވަނީ މައުލޫމާތު ދީފައެވެ.