ކަނޑުމަތީގެ ހާދިސާތައް

ރަވާނާ ބޯޓުގެ އަލިފާނުގެ ހާދިސާ: ހާލު ބޮޑުވި މީހާ މަރުވެއްޖެ

ދ. ވާންޏަށް ދަނިކޮށް އަލިފާނުގެ ހާދިސާ ހިނގި، ރަވާނާ ބޯޓުން ދަތުރުކުރި 16 މީހުންގެ ތެރެއިން ހާލު ބޮޑުވި މީހާ މަރުވެއްޖެ އެވެ.

ފުލުހުން ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.

ފުލުހުން ބުނި ގޮތުގައި މަރުވެފައި ވަނީ ދިވެއްސެކެވެ. އަދި ފ. ނިލަންދޫ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާގެ ހޭ ނެތް ކަމަށް ފުލުހުންގެ މީޑިއާއިން މައުލޫމާތުދެ އެވެ.

އެމްއެންޑީއެފުން މައުލޫމާތުދިން ގޮތުގައި، ރަވާނާ ބޯޓުގައި ރޯވެފައި ވަނީ ފ. ފިލިތެޔޮ ކައިރީން ދުއްވާފައި ދަނިކޮށެވެ. ފުލުހުން ބުނި ގޮތުގައި އަލިފާން ރޯވުމާ ގުޅިގެން ބޯޓުގައި ތިބި ހުރިހާ މީހުން ވަނީ ލައިފް ޖެކެޓް އަޅައިގެން އެއްކޮށް، ކަނޑަށް ފުންމައިލައިފަ އެވެ.

ބޯޓުގައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެހީންނާއި ނުވަ ބިދޭސީން ކަމަށް ފުލުހުން ބުނެ އެވެ.

އެ މީހުން ނެގީ އެވަގުތު އެތާ ކައިރީން ދަތުރުކުރި ދ. ހުޅުދެލީ، "ދަންޑަހެލު" ނަމަކަށް ކިޔާ ދޯންޏަކަށް ކަމަށާއި ނަގައިގެން ގެންދިޔައީ ހުޅުދެއްޔަށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި ހާދިސާގައި އެއްވެސް މީހަކު ފިހިފައި ނުވާ ކަމަށެވެ.