ކަނޑުމަތީގެ ހާދިސާތައް

16 މީހުން ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދޯނީގެ ބޮޑުބައެއް އަޑީގައި، އެކެއްގެ ހާލު ސީރިއަސް

ފ. ފިލިތެޔޮ ރިސޯޓު ކައިރިން ދަތުރުކުރަމުން ދިޔަ "ރަވާނާ" ނަމަކަށް ކިޔާ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ބޯޓުގެ ބޮޑު ބައެއް އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގި އިރު އެ ބޯޓުގައި 16 މީހުން ތިބި ކަމަށާއި އެ މީހުން ސީ އެމްބިއުލާންސްގައި ދ. މީދޫއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެން އެކެއްގެ ހާލު ދެރަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި އެ ހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައި ވަނީ ރޭ ފަތިހު 4:45 އެހާއިރު އެވެ. އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސކިޔު ޓީމު މިހާރު އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

ދާދި ދެންމެ އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގައި ހާލުބޮޑުވި މީހާ ވަނީ ފ. ނިލަންދޫއަށް ގެންގޮސްފަ އެވެ.