މުހައްމަދު އައުޒަމް
ވިމް ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގެ ސްޓައިލް ޕާޓްނަރަކަށް ނޯޓް ކޮސްމެޓިކްސް ހަމަޖައްސައިފިއެވެ.
ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމް)އިން އަންނަ މާޗް މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވާ ކޮކޯ ޝީކް "ރަން ވިތް އަސް 2019" އޮބްސްޓަކަލް ދުވުމުގެ ސްޓައިލް ޕާޓްނަރަކަށް ނޯޓް ކޮސްމެޓިކްސް ހަމަޖައްސާފައިވަނީ މިއަދު ނޯޓް ފިހާރައިގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކޮކޯ ޝީކް "ރަން ވިތް އަސް 2019" އޮބްސްޓަކަލް ދުވުމުގައި 5000 އަށް ވުރެގިން މީހުން ރަޖިސްޓަރީ ވެފައިވާކަމަށް ވިމް އިން މައުލޫމާތުދެއެވެ.
ސްޓައިލް ޕާޓްނަރުގެ ގޮތުގައި ނޯޓް ކޮސްމެޓިކްސްގެ ފަރާތުން ދުވުމުގެ ބައިވެރިވާ ބައިވެރިންނަށް ވަރަށް ހާއްސަ ހަދިޔާ ތަކެއް ދޭ ގޮތަށްވެސް ހަމަޖެހިފައިވާ ކަމަށް ނޯޓް ކޮސްމެޓިކްސްގެ ފަރާތުން މިއަދުގެ ރަސްމިއްޔާތުގައި ވަނީ ބުނެފައެވެ.
ކޮކޯ ޝީކް "ރަން ވިތް އަސް 2019" އޮބްސްޓަކަލް ދުވުމުގެ އޮބްސްޓަކަލްތައް ހާއްސަކޮށްފައިވަނީ މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ޝިއާރު ކަމަށްވާ "ބެލެންސް ފޯ ބެޓަރ ލައިފް"އާއި ގުޅޭ ގޮތަށް ކަމަށް ވިމެން އިން މެނޭޖްމަންޓުން މައުލޫމާތު ދެއެވެ.
މިއީ ވިމް އިން އަންހެނުންގެ ދުވަހުގެ ހާއްސަ އޮބްސްޓަކަލް ދުވުން "ރަން ވިތް އަސް" ބާއްވާ ދެވަނަ އަހަރެވެ.
ވިމް އިން މައުލޫމާތު ދޭގޮތުގައި މިއަހަރުގެ ދުވުމަކީވެސް 3.75 ކިލޯމީޓަރުގެ ދުވުމެކެވެ. ކޮންމެ ކިލޯ މީޓަރަކުން އޮބްސްޓަކަލްއަކާ ކުރިމަތިވާނެއެވެ. ދުވުމުގެ ބައިވެރީން އެބައިވެރިޔަކު އިހްތިޔާރު ކުރާ ގޮތަކަށް އޮބްސްޓަކަލް ފުރިހަމަ ކުރެވޭނެއެވެ. ވިމް އިން މައުލޫމާތު ދޭގޮތުގައި މިއަހަރުގެ އޮބްސްޓަކަލްތަކަކީ ވެސް މިދިޔަ އަހަރެކޭވެސް އެއްފަދައިން ފަސޭހަ އޮބްސްޓަކަލް ތަކަކަށް ވާނެއެވެ.
ވިމް އިން އިތުރަށް ބުނީ މިއަހަރުގެ ރަންގައި ވެސް މިދިޔަ އަހަރެކޭ އެއްފަދައިން ދުވެވޭނީ ހަމައެކަނި އަންހެން ބޭފުޅުންނަށް ކަމަށެވެ. އަދި މިއަހަރުގެ ދުވުން ވެސް ވަކި އުމުރުފުރައަކަށް ހާއްސަ ކޮށްފައި ނުވާ ކަމަށް ވިމް އިން މައުލޫމާތުދެއެވެ.
ވިމް އިން މިދިޔަ އަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި އޮބްސްޓަކަލް ދުވުން "ރަން ވިތް އަސް"ގައި ވެސް 5000އަށް ވުރެ ގިނަ އަންހެނުން ވަނީ ބައިވެރިވެފައެވެ. އެއީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ އަންހެނުން ބައިވެރިވި ދުވުމެވެ.
މިއަހަރުގެ ރަންއަށް ސަރުކާރުގެ މިނިސްޓްރީތަކާއި އެހެން އިދާރާތަކުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދެމުން އަންނަކަން ވިމް އިން ފާހަގަކުރެ އެވެ. އެގޮތުން މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސް އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އިތުރުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އިން "ރަން ވިތް އަސް 2019" އެންޑޯސް ކޮށްފައިވާކަން ވިމް އިންވަނީ ފާހަގަ ކޮށްފައެވެ.
"ރަން ވިތް އަސް 2019"ގެ ޕްލެޓިނަމް ސްޕޮންސަރަކީ ކޮކޯ ޝީކް އެވެ. ސިލްވަރ ސްޕޮންސަރުންގެ ގޮތުގައި މިއަހަރުވަނީ ލައިފް ސަޕޯރޓްގެ އިތުރުން ހެމާސް ހަމަޖައްސައިފައެވެ.
ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގެ ހޯސްޓިން ޕާޓްނަރަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެވެ. ނިއުޓްރިޝަން ޕާޓްނަރަކީ ކެލޯގްސް އެވެ. މިއަހަރުގެ ރަންގެ މެޑިކަލް ޕާޓްނަރަކީ އޭޑީކޭ ހޮސްޕިޓަލް އެވެ. އަދި ވެލްނެސް ޕާޓްނަރުގެ ގޮތުގައި ވެލްނެސް ސެންޓަރ ބައި ނިޝީ ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން މިއަހަރުގެ ރަންގެ ޕްރިންޓިން ޕާޓްނަރަކީ ޕްރިންޓް ލެބް އެވެ.
ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގެ ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި ގާލްގައިޑް އެސޯސިއޭޝަންގެ އިތުރުން އުނިމާ ގްރޭންޑް ވަނީ ހަމަޖައްސައިފައެވެ. އަދި ފުލުހުންނާއި އެމްއެންޑީއެފުން ވެސް މި ހަރަކާތަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވަމުން ގެންދަވާ ކަމަށާއި އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށް ވިމްއިން ބުންޏެވެ.
ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.