އެންޓި ކޮރަޕްޝަން ކޮމިޝަން

އޭސީސީގެ ރައީސްގެ މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ހަސަން ލުތުފީގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ވަނީ "ވަން އޮންލައިން" އަށް ކަށަވަރު ކޮށްދީފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށާއި އެއާބެހޭ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.

ބައެއް ނޫސްތަކުން ބުނެފައިވަނީ، ލުތުފީ އާއި އެހެން ބަޔަކު ބައިވެރިވެގެން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށާއި އެމައްސަލައާ ގުޅިގެން ބައެއް މީހުން ފުލުހަށް ހާޒިރުކޮށް ބަޔާންވެސް ނަގަމުން ގެންދާ ކަމަށެވެ.

ނަމަވެސް "ވަން އޮންލައިން" އަށް ފުލުހުން މައުލޫމާތު ދެއްވި އިރު އެކަމުގައި އިތުރު ފަރާތްތަކެއްގެ މައްޗަށް ތުހުމަތު ކުރެވޭކަމަށް ބުނެފައެއް ނުވެ އެވެ.

މި މައްސަލައާ ހަވާލާދީ "މިހާރު" ނޫހުގައި ބުނެފައިވަނީ، މައްސަލައިގެ ތަހުގީގަށް ލުތުފީ އަދި ހާޒިރު ނުކުރާ ކަމަށާއި، އޭނާ މީގެ ދުވަސްކޮޅެއް ކުރިން މެލޭޝިއާ އަށް ފުރާވަޑައިގަންނަވާފައިވާ ކަމަށެވެ.

ހަސަން ލުތުފީގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގު ކުރަމުންދާ އިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ތަހުގީގުކޮށް އޭސީސީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓު، ފުރިހަމަ ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި އޭސީސީން ރިޕޯޓް ނެރެފައިވަނީ އެކަމުގައި ފުރިހަމަ ތަހުގީގެއް ހިންގުމަކާ ނުލައެވެ. އަދި އެ މައްސަލައިގެ ހަގީގީ ހިޔާނާތްތެރިން ރިޕޯޓުގައި ހިމެނިފައިނުވާ ކަމަށް އެ ފަރާތްތަކުން ބުނެފައިވެ އެވެ.

ރިޕޯޓާ ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައިވަނީ، އެ ރިޕޯޓްގައި ހިމަނާފައިވަނީ ޑޮލަރު ވިޔަފާރި ކުރި ފަރާތްތަކުގެ މައުލޫމާތު ކަމަށާއި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ނަގުދު ފައިސާގެ ބޭނުން ކުރި ފަރާތްތަކުގެ މައުލޫމާތު ރިޕޯޓްގައި ހިމެނިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ރިޕޯޓް ފުރިހަމަ ކުރުމަށާއި އެ ފަރާތްތައް ހާމަކުރުމަށް ވަނީ ގޮވާލައިފަ އެވެ.