މާޒީ ގައި ޖުމްހޫރީ ޕާޓީގެ އިހުލާސްތެރިކަން ފެނިފައިނުވާ ކަމަށާއި، ފަހުވަގުތު އެބުނާ ކަށި ޖަހާނެ ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި އެމްޕީއެލްގެ ކުރީގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެ އެވެ.
ހަލީމް މިހެން ވިދާޅުވެފައި ވަނީ ޕީޕީއެމް އަދި ޕީއެންސީ އިން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެކި ފަރާތްތަކަށް ދީފައިވާ ޓިކެޓު އަނބުރާ ނެގުމަށްފަހު އެ ދާއިރާތަކުން ޖޭޕީ އަށް ތާއިދު ކުރުމަށް ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
މި ޓުވީޓުގައި ހަލީމް ވަނީ ޕީޕީއެމް ގެ ސަޕޯޓް އޮތް ދާއިރާތަކުގެ ގޮނޑިތައް ޖޭޕީ އަށް ދޫކޮށްލުމުން ޕީޕީއެމް އަދި ޕީއެންސީ ގެ މެމްބަރުން ވެފައިވާ ގުރުބަނީގެ އަގު ޖޭޕީގެ ފަރާތުން އިހްލާސްތެރި ކަމާއެކު ދަންނާނެތޯ ސުވާލު ކުރައްވައިފައެވެ.
ޓުވީޓުގައި ހަލީމް ވަނީ މާޒީގައި ޖޭޕީގެ އިހުލާސްތެރިކަން ނުފެނުނުއިރު، ޖޭޕީ އިން ފަހު ވަގުތު ދޯކާ ދޭނެކަމަށް އިޝާރާތްކޮށްފަ އެވެ. ''ފަހު ވަގުތު އެ ބުނާ ކަށި ޖަހާނެ،" ހަލީމް ވިދާޅުވި އެވެ.
މިދިޔަ ނޮވެމްބަރު މަހު ހަލީމް އެމްޕީއެލްގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު ހަލީމް ވަނީ ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހުގެ ވިލިމާލޭ ދާއިރާއަށް ވާދަކުރައްވަން ނިންމަވައި ކެމްޕެއިން ފައްޓަވާފައެވެ.
ނަމަވެސް ޕީޕީއެމް އިން ވަނީ އެ ދާއިރާގެ ޖޭޕީ ކެނޑިޑޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ތާއިދު ކުރެއްވުމަށް ނިންމަވައިފައެވެ.
މިކަމާ ގުޅިގެން "ވަން އޮންލައިން" އަށް މިއަދު ދެއްވި އިންޓަވިއު އެއްގައި ހަލީމް ވަނީ ވިލިމާލޭ ދާއިރާގެ ޓިކެޓު މިހާތަނަށް އައި އިރުވެސް ލިބިވަޑައިގެންފައި ނުވާ ކަމަށާއި ޖޭޕީން އެދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓު ޑރ.ޖަމީލަށް އޭނާ ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.