އެންޓި ކޮރަޕްޝަން ކޮމިޝަން

ފެނަކައިން ލަންކާގެ ކުންފުންޏަކާ ހަވާލުކުރި 866 މިލިއަން ރުފިޔާގެ މަޝްރޫއެއް އޭސީސީން ހުއްޓުވައިފި

ފެނަކަ ކޯޕަރޭޝަނުން 20 ރަށެއްގައި ނަރުދަމާ ގާއިމްކުރުމަށް ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފައި ވަނިކޮށް، އެ މަސައްކަތް ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.

އޭސީސީން ބުނީ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ މައްސަލަ ބަލައި، ވަކި އެއްޗެއް އަންގަންދެން އެ މަޝްރޫއު މަޑުޖައްސާލަން ފެނަކައަށް އަންގާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން 20 ރަށެއްގައި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ހަވާލުކޮށްފައިވަނީ ލަންކާގެ ހޭކާބް ކުންފުންޏާއެވެ. މިއަދާ ހަމައަށް އަދި އެ މަސައްކަތް ފެށޭގޮތް ވަނީ ނުވެފައެވެ. އެ މަޝްރޫއަކީ 866 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން ދޮޅު އަހަރުގެ ތެރޭގައި ނަރުދަމާ ގާއިމްކުރަން ހަމަޖެއްސި ރަށްތަކަކީ ހދ. ފިނޭ، ހދ. ވައިކަރަދޫ، ށ. ފޯކައިދޫ، ގއ. ދެއްވަދޫ، ގދ. ހޯނޑެއްދޫ، ކ. ގުޅި، އއ. ފެރިދޫ، ވ. ކެޔޮދޫ، އދ. ދިގުރަށް، ނ. މާފަރު، ނ. ޅޮހި، ހއ. މާރަންދޫ، ހއ. ވަށަފަރު، ބ. ކަމަދޫ، ބ. މާޅޮސް، ބ. ގޮއިދޫ، ރ. ކިނޮޅަސް، ތ. ހިރިލަންދޫ އަދި ޅ. އޮޅުވެލިފުއްޓެވެ.

އއ. މަތިވެރީގެ ނަރުދަމާ ގާއިމުކުރުން އެހެން މަޝްރޫއެއްގެ ދަށުން އެހެން ކުންފުންޏަކާ ހަވާލު ކޮށްފައިވާތީ އެ ރަށުގެ ބަދަލުގައި އެހެން ރަށެއް ހޭކާބް ކުންފުންޏާ ހަވާލުކުރަން ފެނަކައިން އޭރު ނިންމި ނަމަވެސް، އަދި މިހާތަނަށް އެއީ ކޮން ރަށެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.