ތިން މީހުންނާ އެކު ދަތުރު ކުރި ދޯންޏެއް ހޯދުމުގެ މަސައްކަތް ފަށައިގެން ކުރަމުން އެބަ ދެއެވެ.
އެމްއެންޑީއެފް މީޑިއާއިން ބުނެފައިވާ ގޮތުގައި، މި ދޯނި ވ. ފުއްސަރު ކައިރިޔަށް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ ރޭ 11:22ގައެވެ. އަދި މިހާރުވެސް އެ ސަރަހައްދުގައި ކޯސްޓްގާޑުން އަންނަނީ ހަރަކާތްތެރިވަމުން ކަމަށް ކޯސްޓްގާޑުގެ މީޑިއާ އޮފިސަރު ދާދި ދެންމެ "ވަން" އަށް ވިދާޅުވި އެވެ.
މީޑިއާ އޮފިސަރު ވިދާޅުވީ، ދޯނި އަޑިޔަށް ދާތީ، އެކަން އެ ދޯނިން އެހެން ބަޔަކަށް އެންގުމުން، ކޯސްގާޑަށް ގުޅައި އެކަން އެންގީ އެހެން ފަރާތަކުންނެވެ.
ކޯސްޓްގާޑުން ބުނި ގޮތުގައި، މި ދޯންޏަކީ ފ.ފީއަލި ކައިރިން ފުރައިގެން މާލެ ދަތުރުކުރި "އަލަމާ-05" ނަމަކަށް ކިޔާ ދޯންޏެކެވެ. މި ދޯންޏަށް ދިޔަވެ އަޑިޔަށް ދާކަމުގެ މައުލޫމާތު ލިބިފައި ވަނީ ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލު ބޭރުން ކަމަށް ވެސް ކޯސްޓްގާޑުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ، މިދޯނި ދަތުރު ކުރަމުން ދިޔައީ، ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މި ދޯނިން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަނގްލަދޭޝް ދެމީހުންނެވެ.
މި ދޯނީގައި ތިބި މީހުންގެ މައުލޫމާތާއި ދޯނީގެ ވެރިފަރާތް ފަދަ އިތުރު މައުލޫމާތު އަދި ނުލިބޭ ކަމަށް ވެސް މީޑިއާ އޮފިސަރު "ވަން" އަށް ވިދާޅުވި އެވެ.