ދުނިޔެ

އިޒްރޭލުން ހަމާސް އަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާތަކެއް ދީފި

އިޒްރޭލުން ހަމާސް އަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާތަކެއް ދީފިއެވެ.

ގާޒާގައި ހިމެނޭ ހަމާސްގެ ސަރަހައްދުތަކަށް އަމާޒުކޮށް އިޒްރޭލުން ހަމަލާ ދީފައިވަނީ ގާޒާ އިން އޭގެ އެއް ދުވަސްކުރިން ފޮނުވާލި ރޮކެޓު ހަމަލާ ތަކަކާއި ގުޅިގެން ކަމަށް އަސްކަރިއްޔާއިން ބުނެއެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ ހަމަލާގައި ގެއްލުން ދީފައިވަނީ ގާޒާގައި ހުރި ރޮކެޓު އުފައްދާ ކާރުހާނާއަކަށާއި ހަމާސްގެ ސިފައިން ތިބޭ މަރުކަޒަކަށެވެ.

އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން އާދިއްތަ ދުވަހު އެގައުމުގެ އަސްކަރިއްޔާ އިން ކުރި ޓުވީޓުގައި ބުނެފައިވަނީ މުޅި ދުނިޔެ، އާ އަހަރަކާ ދިމާކޮށް ގައުމުތަކުގައި ޖައްވު ހަވައިން ދިއްލާލިއިރު އިޒްރޭލުގެ ފަޒާ ދިއްލާލީ ގާޒާއިން ފޮނުވާލި ރޮކެޓު ހަމަލާތަކުން ކަމަށެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ގާޒާގައި ހުރި ޓެރަރިސްޓުންގެ ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާ ދީފައިވާނެ ކަމުގައި ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހު ގާޒާއިން ފޮނުވާލި ރޮކެޓު ހަމަލާ އަކީ އިޒްރޭލަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމެއް އަދި ހަމާސް އިން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ރޮކެޓު ހަމަލާ މެދުއިރުމަތީގެ ކަނޑުގެ ސަރަހައްދަށް ފޮނުވާލާފައިވާއިރު، ގާޒާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުން ޓެސްޓުކުރާ ރޮކެޓު ހަމަލާތައް އާއްމުކޮށް ފޮނުވާލަނީ ކަނޑަށް އަމާޒުކޮށްފައެވެ.

ހަމާސް ޖަމާއަތުގެ ތަރުޖަމާނު ހާޒިމް ގާސިމް އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި ގާޒާގެ ދަނޑުބިންތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށް އެ ޖަމާއަތުން ބުނެއެވެ.