ދުނިޔެ

އިންފްލުއެންޒާ އާއި ކޮވިޑް-19 އެކުވެގެން އުފެދުނު "ފްލޮރޯނާ"ގެ ފުރަތަމަ ކޭސް އިޒްރޭލުން ފެނިއްޖެ

އިންފްލުއެންޒާ އަދި ކޮވިޑް-19 އެކުވެގެން އުފެދުނު އާ ބައްޔެއް ކަމަށްވާ ''ފްލޮރޯނާ''ގެ ފުރަތަމަ ކޭސް އިޒްރޭލުން ފެނިއްޖެއެވެ.

ފްލޮރޯނާ ބަލީގެ ފުރަތަމަ ކޭސް ފެނިފައިވަނީ އިޒްރޭލުގެ ރަބިން މެޑިކަލް ސެންޓަރަށް ވިހަން އެނދުމަތި ކުރެވުނު މާބަނޑު މީހެއްގެ ގައިން ކަމަށް އެގައުމުން ރިޕޯޓުކުރެއެވެ. މި އަންހެން މީހާ ހުރީ ކޮވިޑުން ދިފާއު ވުމަށް ވެކްސިން ވެސް ނުޖަހައި ކަމަށް އެގައުމުން ބުނެއެވެ. ފްލޮރޯނާ އަކީ ކޮވިޑުގެ އާ ވޭރިއަންޓެއް ނޫނެވެ. ނަމަވެސް ކޮވިޑް ޖައްސާ ކޮރޯނާ ވައިރަސް އާއި އިންފްލުއެންޒާ އެކުވެގެން އުފެދިފައިވާ އާ ބައްޔަކަށް މި ނަން ވަނީ ދީފައެވެ.

ފްލޮރޯނާ ބަލި ދުނިޔެއިން ފެނިފައި މިވަނީ މިވަގުތު އޮމިކްރޯންގެ ސަބަބުން ކޮވިޑުގެ އަދަދުތައް މައްޗަށް ދާ ދަނޑިވަޅެއްގައެވެ. ކޮވިޑުގެ އާ ވޭރިއަންޓު އޮމިކްރޯން އެންމެ ފުރަތަމަ ފެނިފައިވަނީ ދެކުނު އެފްރިކާއިން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. މި ވޭރިއަންޓު ހަލުވިކަމާއެކު ފެތުރި، އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި މީގެކުރިން ކޮވިޑުގެ ހާލަތު ގޯސް ކޮށްލި ޑެލްޓާ ވޭރިއަންޓަށްވުރެ އޮމިކްރޯންގެ ސަބަބުން ކޮވިޑު ޖައްސާ އަދަދުތައްވަނީ އިތުރު ވެފައެވެ.

އިޒްރޭލުގެ ޑޮކްޓަރުންނާ ހަވާލާދީ އެގައުމުގެ މީޑިއާއިން ރިޕޯޓުކުރާގޮތުގައި ފާއިތުވި ހަފުތާތަކުގެ ތެރޭގައި އިންފްލުއެންޒާ ޖެހޭ މީހުންގެ އަދަދުތައް މަތިވަމުން އައިސްފައިވާއިރު އަލަށް ފެނުނު ފްލޮރޯނާ ދެނެގަތުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. ކައިރޯ ޔުނިވާސިޓީގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ނަގްލާ އަބްދުލްވައްހާބު އިޒްރޭލުގެ މީޑިއާއާ މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ މި ބަލީގައި އިންސާނާގެ ހަށިގަނޑަށް އެއްފަހަރާ ވަންނަ ދެ ވައިރަސްގެ ސަބަބުން ދިފާއީ ނިޒާމު ވަރަށް ބޮޑަށް ބަލިކަށި ކޮށްލާނެ ކަމަށެވެ.

ކޮވިޑުގެ އަދަދުތައްވެސް މަތިވާން ފަށާފައިވާ އިޒްރޭލުގައި މިހާރު ވަނީ ބަލީގައި ބޮޑުވަރުވާނެ ކަމަށް ބެލެވޭ ފަރާތްތަކަށް މިދިޔަ ހުކުރުދުވަހުން ފެށިގެން ކޮވިޑުގެ ހަތަރު ވަނަ ޑޯޒެއް ދޭން ފަށާފައެވެ.

ކޮވިޑުގެ ބަލި ފަތުރާ ޑެލްޓާ ވޭރިއަންޓާއި އޮމިކްރޯން ވޭރިއަންޓް އެކުވެގެން އުފެދިފައިވާ ޑެލްމިކްރޯން އަކީވެސް އެމެރިކާ އަދި ޔޫރަޕުގެ ގިނަ ގައުމުތަކުގައި ކޮވިޑުގެ ހާލަތު ގޯސްވުމުގެ ފަހަތުގައި ވާ ސަބަބެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ. ޑެލްމިކްރޯން އަކީ އާ ވޭރިއަންޓެއް ނޫނެވެ. ނަމަވެސް ޑެލްޓާ އަދި އޮމިކްރޯން އެކުވެގެން އުފެދޭ ސްޓްރެއިނަށް ޑެލްމިކްރޯންގެ ނަން ވަނީ ދީފައެވެ.