ދުނިޔެ

ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އިޒްރޭލަށް ކޮވިޑުގެ ތޫފާނެއް އަރައިފާނެ: ބޮޑުވަޒީރު

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިޒްރޭލަށް ކޮވިޑުގެ ތޫފާނެއް ބޯމަތިވެދާނެ އިންޒާރު ބޮޑުވަޒީރު ނަތްފަލީ ބެނެޓް ދެއްވައިފިއެވެ.

އާބާދީގެ 9.3 މިލިއަން މީހުން ހިމެނޭ އިޒްރޭލުގައި މިދިޔަ ޖުލައި މަހުން ފެށިގެން މިހާތަނަށް 4.2 މިލިއަން ޑޯޒުގެ ކޮވިޑް ވެކްސިންގެ ބޫސްޓާ ދެވިފައިވީ ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކޮވިޑުގެ އަދަދުތައް ވަރަށް ބޮޑަށް މަތިވެގެންދާނެ ކަމުގައި ނަފްތަލީ ވަނީ ފާހަގަކުރައްވާފައެވެ.

މި އިންޒާރު ދެއްވާފައިވަނީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެގައުމުގައި ދުވާލަކަށް ޕޮޒިޓިވް ވާ އަދަދުތައް 700 އިން 4000 އަށް މަތިވާން ފަށާފައިވަނިކޮށެވެ. ނަފްތަލީގެ ކެބިނެޓުން ކޮންމެ ހަފުތާއަކު ދޭ ބަޔާނުގެ ތެރެއިން އާދިއްތަ ދުވަހު ހާމަކުރެއްވިގޮތުގައި އަދަދުތައް މަތިވަމުން ދިޔަ ނަމަވެސް ސަރުކާރުގެ އަމާޒަކީ އާބާދީގެ ތެރެއިން އެންމެ ނާޒުކު ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީގެން އިގުތިސޯދު ހީނަރުވިޔަ ނުދީ ދެމެހެއްޓުމެވެ. އެގައުމުގައި މިހާތަނަށް ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 8244 އަށް އަރާފައެވެ.

އިޒްރޭލުގެ ސިއްހީ އޮފިޝަލުން އާދިއްތަ ދުވަހު ބުނިގޮތުގައި އޮމިކްރޯނުގެ ސަބަބުން އަދަދުތައް މަތިވަމުން ދިއުމާ ގުޅިގެން އެގައުމުގައި ހާޑް އިމިއުނިޓީ ލިބުމާ ވަނީ ވަރަށް ގާތް ވެފައެވެ.

އޮމިކްރޯންގެ ސަބަބުން ގިނަ ގައުމުތަކެއްގައި ކޮވިޑުގެ އަދަދުތައް މަތިވަމުން ދިޔަ ނަމަވެސް އިޒްރޭލުން ވަނީ މިދިޔަ ޑިސެމްބަރު މަހާ ހަމައަށް ކޮވިޑު ކޮންޓްރޯލު ކުރުމުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ހޯދައިފައެވެ. ނަމަވެސް ފާއިތުވި ދެ ހަފުތާގެ ތެރޭގާއި އަދަދުތަކަށް މަޑުޖެހުމެއް ނައިސް މަތިވަމުން ދިއުމާ ގުޅިގެން ކުރިއަށް އޮތް ތިންހަފުތާގެ ތެރޭގައި ކޮވިޑުގެ އަދަދުތައް ބޮޑުތަނުން އިތުރުވެގެން ދާނެ ކަމުގައި ސަރުކާރުން ބުނެއެވެ. އޭގެ ސަބަބުން ހާޑް އިމިއުނިޓީ ލިބުމާއި ގާތްވެފައިވީ ނަމަވެސް، އެކަން ހާސިލުކުރަން ބޭނުންވަނީ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވުމުގެ ބަދަލުގައި ވެކްސިން ދެވޭ އަދަދުތައް އިތުރުކޮށްގެންކަމުގައި އެގައުމުގެ ސިއްހީ އޮފިޝަލުން ފާހަގަކުރެއެވެ.