އަބްދުއްލަތީފް މުހައްމަދު

މެންބަރު ލަތީފު ރައީސް ޔާމީނަށް: އިސްތިއުފާ ދެއްވާ! އެހެންނޫނީ އިތުބާރުނެތް ކަމުގެ ވޯޓު ނަގާނަން

ރައީސް ޔާމީން މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށާއި ނުދެއްވައިފި ނަމަ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވެއްޖެ އެވެ. ލަތީފު މިހެން ވިދާޅުވީ އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމު ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެ ކޯޓުގެ ބޭރުގައި ނޫސްވެރީންނަށް މައުލޫމާތުދެއްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.

ލަތީފު ވިދާޅުވީ، ދެން އެންމެ އަވަހަށް ކުރައްވާން އޮތް މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުން ކަމަށެވެ.

"އަޅުގަނޑު މަޖިލީހުގެ ރައީސް މަސީހަށް ވެސް މިދަންނަވަނީ އަވަހަށް އިސްތިއުފާ ދެއްވާށޭ. ނައިބު ރައީސް މޫސާ މަނިކަށް ވެސް މި ދަންނަވަނީ އަވަހަށް އިސްތިއުފާ ދެއްވާށޭ. ރައީސް ޔާމީނަށް ވެސް މި ދަންނަވަނީ އިސްތިއުފާ ދެއްވާށޭ. ނުދެއްވައިފި ނަމަ އިތުބާރު ނެތް ކަމަށް ފާސްކޮށް ވަކި ކުރާނަމޭ." ލަތީފު ވިދާޅުވި އެވެ.