މުހައްމަދު އައުޒަމް
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ މަންފާއަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެއްލުވާލާފައިވާކަން އެމަނިކުފާނު ވެވަޑައިގެންފައިވާ އިއުތިރާފުން ސާބިތުވާނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވުމާ އެކު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ސުއޫދު ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ގދ. ތިނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވެވަޑައިގެންފައިވާ އިއުތިރާފުން ވެސް އެ މައްސަލަ އެމަނިކުފާނުގެ މައްޗަށް ސާބިތުވާނެ ކަމަށެވެ.
ތިނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލުވާލީ ތިމަން މަނިކުފާނު ކަމަށެވެ.
ސުއޫދު ވިދާޅުވީ އެ މައްސަލާގައި ދެން ބޭނުންވާނީ ރައީސް ޔާމީންގެ އިއުތިރާފަށް ބާރުދޭ ގަރީނާތައް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް ފާސްވާ އަދަދަށް ސޮއިކޮށް މައްސަލަ ހުށަހެޅުމުން ދެން ހިނގައިދިޔަ ކަންތައްތަކަކީ އެ އިއުތިރާފަށް ބާރުދޭ ގަރީނާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ އިއުތިރާފުގެ މައްޗަށް ގަރީނާތައް އެބަހުރި ދެއްތޯ އެ ގަރީނާތަކުގެ ތެރޭގައި މަސީހުގެ އިތުބާރު ނެތްކަމަށް ފާސްވާ އަދަދަށް މަޖިލިސް މެމްބަރުން މައްސަލާގައި ސޮއިކުރައްވާފައި ހުށަހަޅުއްވާފައިވުމާ ގުޅިގެން ދެން ކަންތައް ހިނގައިދިޔަގޮތް. އެއަށް ބަލާލީމަ ސާބިތުކުރެވޭ ވަރުގެ ގަރީނާ ހުންނާނެ. ދެން ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި އިއުތިރާފު. އެވަރުން ކުށްސާބިތުކުރަން ފުދޭ،" ސުއޫދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެކަން ކުރި ބައެއްގެ މައްސަލަ ތަހުގީގުކޮށް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރަންޖެހޭ ކަމަށެވެ.
"މިކަމުގައި ޝާމިލްވާ އެންމެހައި ފަރާތްތަކުން ގާނޫނީގޮތުން އެކަމުގެ ޒިންމާ އުފުލަންޖެހޭނެ. މިވަރު ބޮޑު ކަމެއްކޮށްފަ، ކަނޑައެޅިގެން އެބަ އެނގޭ މަޖިލީހުގެ މެޖޯރިޓީ ގެއްލުނީމަ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްވާނެކަން ޔަގީންވީމަ، މަޖިލީހުގެ ރައީސް ވަކި ނުކުރެވޭނެ ގޮތް ހެދުމަށް އެކަން ކޮށްފަ މިވަނީ. މަޖިލީހުގެ މަސައްކަތް ހުއްޓުވި ކަމަށް ވެސް ބެލެވިދާނެ ގާނޫނީ ނަޒަރަކުން. އެހެންވީމަ ގާނޫނުލް އުގޫބާތުގަ އެބަހުރި ވަރަށް ގިނަ ކުށްތަކެއް ބަޔާންކުރެވިފައި،" ސުއޫދު ވިދާޅުވިއެވެ.
ދައުލަތުގެ މުއައްސަސާއެއްގެ ބާރު ކަނޑުވާލުމާއި ރައްޔިތުންނަށް އެބައި މީހުންގެ އަޑު މަޖިލީހުގައި އިއްވަން އޮންނަ ހައްގު ނަގާލުމަށްވުރެ ބޮޑު ކުށެއް ދައުލަތެއްގައި ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސްއެޅީމަ ދައުވާ ކުރާ އުސޫލުން އެފަދަ ކަމެއް ކުރީމަވެސް ދައުވާ ކުރަންޖެހޭ ކަމަށް ސުއޫދު ވިދާޅުވިއެވެ.
"އެކަން ކުރި މީހުންނަށް ގާނޫނުގައި ބަޔާންކޮށްފައިވާ ފިޔަަޅު ނާޅައިފިއްޔާ ހަމަ ކުރިއަށް އޮތްތަނުގައި ވެސް މަގާމުގެ ނުފޫޒު ހިފުމަށްޓަކައި ދޮރު ހުޅުވިފައި އޮންނާނެ،" ސުއޫދު ވިދާޅުވިއެވެ.