ކޮވިޑް 19

ފައިޒާއިން ކޮވިޑަށް އީޖާދުކުރި ގުޅަބޭހުން ރައްކާތެރިކަން 90 ޕަސެންޓަށް އިތުރުކޮށްދޭ، ހުއްދައަށް ހުށަހަޅައިފި

ކޮވިޑުން ދިފާއުވުމަށް ފައިޒާ އިން އީޖާދު ކުރި ގުޅަ ބޭހުން ރައްކާތެރިކަން 90 ޕަސެންޓް އިތުރު ކޮށްދޭ ކަމަށާއި އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށްވެސް މަސައްކަތް ކުރާކަން ފައިޒާ ކުންފުނީގެ އެންމެފަހުގެ ދިރާސާތަކުން ދައްކައިފިއެވެ.

ފައިޒާއިން ބުނީ މި ބޭސް ޓެސްޓުކުރުމަށް، ކޮވިޑު ޖެހިފައިވާ 1200 މީހަކަށް ބޭސް ދީފައި ކަމަށާއި ދިރާސާގެ ފުރަތަމަ ހޯދުން ތަކުން ބޭސް ބޭނުން ކުރި އެއްވެސް މީހަކު ބަލީގައި މަރުވެފައި ނުވާ ކަމަށާއި އެނދުމަތިކުރަން ޖެހޭ ހާލަތަށް ދިއުމުން 89 ޕަސެންޓް ރައްކާތެރިކޮށްދިން ކަމަށެވެ. އޭގެ އިތުރުން އެންމެ ފަހުގެ ހޯދުންތަކުން އޮމިކްރޯން އާ ދެކޮޅަށްވެސް މަސައްކަތްކުރާކަން ފާހަގަކުރެެވިފައިވާ ކަމަށާއި އަންގާރަ ދުވަހު އާއްމު ކުރި މި ދިރާސާތަކުގެ ނަތީޖާ ނެރެވިފައިވަނީ ދިރާސާގައި އިތުރަށް 1000 މީހަކު ބައިވެރިކޮށްގެން ހެދުނު ދިރާސާތަކަށް ބެލުމަށްފަހުގައި ކަމަށް ވެސް ފައިޒާއިން ބުނެފައިވެއެވެ.

ކޮވިޑަށް ފަރުވާކުރުމުގައި ފައިޒާއިން ތައްޔާރު ކުރި ކާ ބޭސް ދީފައިވަނީ ކޮވިޑުގެ އަލާމާތްތައް ފެންނަން ފަށާ ދުވަހުން ފެށިގެން 5 ދުވަހަށް އެންޓިވައިރަލް ބޭސް ރިޓޮނަވިރް އާއެކު ކޮންމެ 12 ގަޑިއިރަކުން ކާ ގޮތަށް ކަމަށާއި މި ބޭހަށް ހުއްދަ ލިބިއްޖެ ނަމަ މި ބޭސް މާކެޓަށް ނެރުމަށް ހަމަޖެހިފައިވަނީ ''ޕެކްސްލޮވިޑް''ގެ ނަމުގައި ކަމަށް ވެސް ފައިޒާއިން ވަނީ ބުނެފަ އެވެ.

ފައިޒާގެ ޗީފް ސައިންޓިފިކް އޮފިސަރު މިކައެލް ޑޮލްސްޓަން ވިދާޅުވީ މި ބޭހުގެ ސަބަބުން ދުނިޔެއަށް ދިމާވެފައިވާ ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ކުރިއެރުންތައް ގެނުވާނެ ކަމަށާއި މި ބޭހަށް ކުރެވޭ އުއްމީދު ވަރަށް ބޮޑު ކަމަށެވެ. ފައިޒާއިން މިހާރު ވަނީ މި ބޭހަށް އިމަޖެންސީ ހުއްދަ ދިނުމަށް އެދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެފްޑީއޭ އަށް މި ހޯދުންތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ.