އަބްދުއްލަތީފް މުހައްމަދު

ލަތީފުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ހުކުމްކޮށްފިއެވެ.

މިއަދު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި ހުކުމްގައި ވަނީ އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ބަދަލުވެއްޖެނަމަ، މެމްބަރުކަން ގެއްލޭ ކަމަށް ކަނޑައަޅައި އެ ކޯޓުން ނެރުނު ހުކުމްގައިވާ އެއްވެސް އުސޫލެއްގެ މައްޗަށް ލަތީފް ނުފެތޭ ކަމަށާއި އެ ހުކުމަށް ރިޔާއަތްކޮށް އޭނާގެ ގޮނޑި ގެއްލޭނެ ހަމައެއް ނެތް ކަމަށެވެ.

ހުކުމުގައި ބުނެފައިވަނީ ފްލޯ ކްރޮސިންއާ ގުޅޭ ހުކުމްގެ މާކުރިން މިދިޔަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު ޕީޕީއެމްއިން ވަކިވާން ލަތީފް ސިޓީ ހުށަހަޅުއްވާފައިވާ ކަމަށާއި ލަތީފް ޕާޓީއިން ވަކިވާން ޕީޕީއެމްއަށް ސިޓީ ހުށަހަޅުއްވައި އެ ސިޓީ އިލެކްޝަން ކޮމިޝަނަށް ކޮޕީކޮށްފައިވުމުން ލަތީފް ޕީޕީއެމްއިން ޖޫން މަހުގެ 19 ވަނަ ދުވަހު ވަކިވެފައިވާކަން ޔަގީންވާ ކަމަށެވެ.

ލަތީފް އަމިއްލައަށް ޕާޓީން ވަކިވެފައިވަނިކޮށް ޕީޕީއެމްއިން އިސްނަގައިގެން ސުލޫކީ މައްސަލައެއް ބަލައި އޭނާއާމެދު މެމްބަރެއްގެ ހައިސިއްޔަތުން ފިޔަވަޅެއް އަދި އެއްވެސް އެންގުމެއް ނޭންގޭނެ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ލަތީފް ސޮއި ކުރައްވާފައިވަނީ ވެސް ފްލޯ ކްރޮސިން ހުކުމް ނެރުމުގެ ކުރިން ކަމަށްވާތީ، ޕީޕީއެމްއިން އޭނާގެ މައްޗަށް އެޅި ސުލޫކީ ފިޔަވަޅަށް ބަލާނަމަ ވެސް ލަތީފްގެ ގޮނޑި ގެއްލޭނެ ހަމައެއް ނެތް ކަމަށެވެ. އެއީ އެ ހުކުމްގެ ކުރިން ކޮށްފައިވާ އަމަލެއްގެ މައްޗަށް ހުކުމް ނުހިނގާނެކަން އެ ހުކުމުންނާއި އޭގެ ފަހުން ސުޕްރީމް ކޯޓުން ނެރުނު އަމުރުން ވެސް ސާފުކޮށް އެނގެން އޮންނާނެ ކަމަށެވެ.

އޭގެ އިތުރުން ހުކުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުން މިއަހަރު ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން ވެސް ލަތީފްގެ ގޮނޑި ގެއްލޭނެ ގޮތެއް ނޯންނާނެ ކަމަށާއި އެއީ އެ ގާނޫނުގައިވާ ގޮތުން ވެސް ގާނޫނު ހިނގާނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކަމަށް ބުނެފައިވާތީ ކަމަށެވެ.