އެމްއެމްޕީއާރްސީ

އެމްއެމްޕީއާރުސީ ރިޕޯޓް : ސަންގު ޓީވީ ހިންގި ދިވެހި މީޑިއާ ގްރޫޕަށް 130،000 ޑޮލަރު

އަހުމަދު ޖައިޝަން

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ އެސްއޯއެފް ކުންފުނިން ރާއްޖޭގެ މީޑިއާއެއް ކަމަށްވާ "ސަންގު ޓީވީ" ހިންގި ދިވެހި މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް 130،000 ޑޮލަރު ޖަމާކޮށްފައިވާ ކަން ހާމަވެއްޖެ އެވެ.

އެކަން ހާމަވެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކުރި ތަފްސީލީ ރިޕޯޓުންނެވެ.

އޭސީސީގެ ރިޕޯޓުން ދައްކާގޮތުގައި ހ. ޝީޝަމްގައި ހުންނަ ދިވެހި މީޑިއާ ގްރޫޕުގެ ތަނަކަށް ވަނީ 130،000 ޑޮލަރު ޖަމާކޮށްފައެވެ. ޝީޝަމްގައި ހުންނަނީ ސަންގު ޓީވީ އޮފީހެވެ.

އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި ހުޅުވާފައިވާ ނަންބަރު 002-700925-7701 އެމެރިކާ ޑޮލަރު އެކައުންޓަށް ޖަމާކުރުމަށްފަހު އޭގެ ބައެއް ފައިސާ ވަނީ ދިވެހި މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ޖަމާކޮށްފައެވެ.

ދިވެހި މީޑިއާ ގްރޫޕުން ސަންގު ޓީވީ މީގެކުރީން ހިންގި ނަމަވެސް މިހާރު އެ މަސައްކަތް ކުރަނީ އެހެން ކުންފުންޏަކުންނެވެ.